ދިވެހި ސްކޫލްތަކުގެ ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑްތަކުގެ ދަރިވަނުންނަށް ޖަޕާން ބަސް ކިޔަވަދޭން ފެށުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ޖަޕާނުގެ ނިޕޯން ފައުންޑޭޝަނުން ހިރިޔާ ސްކޫލަށް ފޮތްތަކެއް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ ޖަޕާނަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ގިނަ އެހީތަކެއްދޭޤައުމެއް ކަމަށާއި، މީހާރު ވެސް ޖަޕާނުގެ ވޮލެންޓިއަރުން ރާއްޖޭ ގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާކަމަށެވެ. އަދި ކައިރި މުސްތަޤްބަލެއްގައި ރާއްޖޭގެ ސްކޫލްތަކުގައި ޖަޕާނު ބަސް ކިޔަވައިދޭން ފެށޭކަމަށް އުންމީދުކުރައްވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
"ޖަޕާނަކީ އަޅުގަނޑުމެން ގެ ވަރަށް ގާތް ރައްޓެހި ރަޙްމަތްތެރި ޤައުމެއް. އަޅުގަނޑުމެން 2 ޤައުމުގެ އެއްބަޔަކު އަނެއް ބަޔަކަށް މިކުރާ އިޙްތިރާމްގެ މަތީގައި ތިބެ 2 ޤައުމުގެ ގުޅުން ވަރަށް ފުޅާކޮށް ބަދަހި ކުރަމުން އަންނަ ދެ ޤައުމު. އެހެންވީމަ، މިއަދު ޖަޕާން ގެ ސަރުކާރުން ދެއްވި އެހީތެރިކަމަށް ދިވެހި ސަރުކާރާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ނަމުގައި ނުހަނު އިޚްލާސްތެރިކަމާއެކު ޖަޕާނު ގެ ސަފީރަށާއި ޖަޕާނުގެ ރައްޔިތުންނަށާއި ސަރުކާރަށް ޝުކުރު ދަންނަވަން" - ޑރ. ޢަބްދުﷲ ނަޒީރު
މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖޭގައި ހުންނަވާ ޖަޕާނު ސަފީރު ކަޒުމީ އެންދޯ ވަނީ ޖަޕާނާ ދިވެހިރާއްޖެ އާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ވެފައިވާކަން ފާހަގަކުރައްވައި، 2 ޤައުމުގެ ގުޅުމަކީ އަބަދުވެސް ވަރަށް ބަދަހި ގުޅުމެއްކަން ފާހަގަ ކުރައްވާފައެވެ. އަދި މީގެ ކުރިންވެސް ޤައުމީ ކުތުބުޚާނާ އާއި ޤައުމީ ޔުނިވަރސިޓީއަށް ޖަޕާނުން ފޮތް ހަދިޔާ ކޮށްފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.
ނިޕޯން ފުންޑޭޝަން ގެ ފަރާތުން ހިރިޔާ ސްކޫލަށް ހަދިޔާ ކުރީ ކޮންޓެމްޕޮރަރީ ޖަޕާނާއި ގުޅުންހުރި 92 ފޮތެވެ. މީގެ ތެރޭގައި އެކި ދާއިރާތަކުގެ ފޮތްތައް ހިމެނެއެވެ. ނިޕޯން ފައިންޑޭޝަނަކީ 1962 ވަނަ އަހަރު އުފެއްދި ހިލޭސާބަހަށް މަސައްކަތްކުރާ ޖަޕާނުގެ ޖަމިއްޔާއެކެވެ. ހިރިޔާ ސްކޫލް ޢިމާރާތަކީ ޖަޕާނު ސަރުކާރުން ބިނާކޮށްދީފައިވާ ޢިމާރާތެކެވެ.