ޚަބަރު

ލައްކައަކަށްވުރެ ގިނަ ވަޒީފާ އުފައްދައި 94 ހާސް ވަޒީފާ އުފެއްދުމުގެ ވަޢުދު ރައީސް ފުއްދަވައިފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ 94 ހާސް ވަޒީފާ އުފެއްދުމުގެ ވަޢުދު ފުއްދަވައި، އޭގެ އިތުރަށްވެސް އެތަކެއް ވަޒީފާތަކެއް އުފައްދަވައިފިއެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އިއުލާންކުރެއްވި "ޔަގީން" މެނިފެސްޓޯގައި ހިމެނޭ 94 ހާސް ވަޒީފާ އުފެއްދުމުގެ ވަޢުދު ފުއްފަވާފައިވަނީ ވެރިކަމާއި ހަވާލުވެވަޑައިގެން ދައުރު ހަމަވުމުގެ މާކުރިންނެވެ. ޔޫތް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 104،048 (ސަތޭކަ ހަތަރު ހާސް ސާޅީސް އަށް) ވަޒީފާ އެކިއެކި ދާއިރާތަކުން ވަނީ އުފައްދާފައެވެ. މިއީ 94 ހާސް ވަޒީފާ އުފައްދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުގައިވާ މިންވަރަށްވުރެ 10 ހާހަށްވުރެ ވަޒީފާ އިތުރު އަދަދެކެވެ.

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިވަޒީފާތައް އުފައްދަވާފައިވަނީ، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ގެނެވުނު ބަދަލުތަކުގެ ތެރެއިންނާއި، ކަނޑުމަތީގެ ޤާނޫނުތަކަށް ގެނެވޭ އިސްލާހުތަކުގެ ތެރެއިންނާއި، އެންޓަރ ޕްރިނިއަރޝިޕް ޑިވޮލޮޕްމަންޓާއި، އައު ވިޔަފާރިތަކުންނާއި، ރަޖިސްޓްރީ ކުރެވިފައިވާ ޓޫރިޒަމާއި ނުގުޅޭ ޞިނާއަތްތަކާއި، ޓޫރިޒަމް އިންވެސްޓްމަންޓުންނާއި، މަސްވެރިކަމާއި ދަންޑުވެރިކަމުގެ ދާއިރާގެ އިތުރުން، ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ ވަޒީފާތަކާއި، ޤައުމީ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކުންނާއި، ސިވިސް ސަރވިސް ކޮމިޝަނުން އުފައްދަވާފައިވާ ވަޒީފާތަކެވެ.

އެގޮތުން އެންމެ ގިނަ ވަޒީފާ އުފައްދާފައިވަނީ އަމިއްލަ ވިޔަފާރިތަކުންނާއި، އަލަށް އުފެއްދި ކުންފުނިތަކުންނާއި، ހުޅުމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިންނާއި، ގެސްޓްހައުސް ވިޔަފާރީގެ ތެރެއިންނެވެ.