ޚަބަރު

ރާއްޖޭގައި ޑިމޮކްރެޓިކް އުޞޫލްތައް އަށަގަންނެވުމަށް ކުރަމުންދާ މަސައްކަތުގައި އދ އިން އެއްބާރުލުންދޭނަން - ޝޯކޯ ނޯޑާ


ރާއްޖޭގައި ޑިމޮކްރެޓިކް އުޞޫލުތައް އަށަގެންނެވުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނޭކަމަށް އދ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޝޯކޯ ނޯޑާ ވިދާޅުވެއްޖެއެވެ.

ޝޯކޯ ނޯޑާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ބޭއްވި ތާރީޚީ ރިޔާސީ އިންތިޚާބަށްފަހު، އާބާބެއް ފެށިފައިވާކަމަށެވެ. އަދި މިދުވަސްތަކުގައި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކުރުމަށް އދ އިން އެއްބާރުލުން ދިނުމުގައި ދެމިތިބޭނޭ ކަމުގެ ޔަޤީކަން ދޭކަމަށެވެ.

ޝޯކޯ ނޯޑާ ވަނީ، އާދީއްތަދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރާއްޖޭގައި ވޯޓުލުމުގެ ޙައްޤުލިބިގެންވާ މީހުންގެ ތެރެއިން، ގިނަ ޢަދަދެއްގެ ރައްޔިތުން ވޯޓުލުމުގެ ޙައްޤުގެ ބޭނުން ހިފާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ %89 މީހުން ވޯޓުލާން ނިކުތުން އެކަމަނާ ސިފަ ކުރައްވާފައިވަނީ ވަރަށް އާދަޔާ ޚިލާފުކަމެއްގެ ގޮތުގައެވެ. އަދި އިންތިޚާބަށްފަހު ކުރިޔަށްދާ އެކި މަރުޙަލާތައް، އެންމެންގެ ބައިވެރިވުމާއެކު، ޞުލްޙަވެރިކަމާއެކު ކުރިޔަށްގެންދިއުމުގައި އދގެ އެހީތެރިކަން ލިބޭނެކަަމަށްވެސް ޝޯކޯ ނޯޑާ ވިދާޅުވިއެވެ.

ޝޯކޯ ނޯޑާއަކީ ރާއްޖޭގައި ހުންނަ ޔޫ.އެން ގެ ރެސިޑެންޓް ކޯޑިނޭޓަރުގެ އިތުރުން ރާއްޖޭގައި ހުންނަ ޔޫ.އެން.ޑީ.ޕީއާއި ޔޫއެންއެފްޕީއޭގެ އޮފީހުގެވެސް އިސް މަންދޫބެވެ.