މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އުތުރާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލަރޓު ނެރެފައިވަނީ ބ. އަތޮޅާއި މ. އަތޮޅާ ދެމެދުގެ ސަރަޙައްދަށާއި، ހުވަދު އަތޮޅަށެވެ. އެ އިދާރާއިން ބުނީ މި ސަރަޙައްދުތަކަށް ގުގުރުމާއެކު ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފައިވަނީ ހެނދުނު 9:30 އިން މެންދުރުފަހު 13:00 އާ ހަމައަށެވެ.
އެއިދާރާއިން ވައިޓް އެލަރޓް ނެރެފައިވަނީ ހއ އަތޮޅާއި އއ އަތޮޅާއި ދެމެދުގެ ސަރަޙައްދަށާއި، ގދ އަތޮޅާއި ސ އަތޮޅާއި ދެމެދުގެ ސަރަޙައްދަށެވެ. މި ހިސާބުތަކަށްވެސް ގުގުރުމާއެކު ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް މުސުމާބެހޭ އިދާރާއިން ބުނެއެވެ. އަދި މި ސަރަހައްދުތަކަށް ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއެވެ.
މިދުވަސްވަރު، ހުޅަނގު މޫސުމުގެ ވައިގަދަވުމުގެ ސަބަބުން ރާއްޖޭ ބައެއް ސަރަހައްދުތަކަށް މުސުން ގޯސްވެ ވިއްސާރަކުރަމުންދާތީ، އެކަމަށް ސަމާލުވެ ތިބުމަށް މުސުމާބެހޭ ޤައުމީ އިދާރާިއން ވަނީ އިލްތިމާސް ކޮށްފައެވެ.