ޚަބަރު

މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑް ހަފްލާ އަންނަމަހު ބާއްވަން ނިންމައިފި


އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުންދޭ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑް ޙަފުލާ އަންނަ މަހު ބާއްވަން އެ ކޮމިޝަނުން ނިންމައިފިއެވެ.

މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑަކީ ބައިނަލްއަޤުވާމީގޮތުން ފާހަގަކުރަމުންއަންނަ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ދުވަހުގެ މުނާސަބަތުގައި 2016 ވަނަ އަހަރުންފެށިގެން އެ ކޮމިޝަނުން ދެމުން އަންނަ އެވޯޑެކެވެ.
އިންފޮރމޭޝަން ކޮމިޝަނަރ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ މަޢުލޫމާތު ހާމަކުރުމަށް ބާރު އެޅުމުގެ ގޮތުން މި އަހަރު "ރަންވަނަ" ހޯދާ އިދާރާތަކަށް، އަންނަ މަހު ބާއްވާ ޚާއްޞަ ޙަފުލާގައި އެވޯޑު ދޭނެކަމަށެވެ. އަދި މަޢުލޫމާތު ހާމަކުރުމުގެ ގޮތުން އެކި އިދާރާތަކުން ޙާޞިލުކޮށްފައިވާ ދަރަޖަވެސް އެ ޙަފުލާގައި އިޢުލާނުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމުގެ ހުރިހާ ތައްޔާރީތަކެއް މިހާރުވަނީ ނިމިފައި. މިކަމުގެ ބޭނުމަކީ ޤާނޫނުގައިވާ ގޮތުގެ މަތީން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގެ މަތިން މަޢުލޫމާތު ހާމަކޮށް ޢާއްމުކުރުމުގެ ޘަޤާފަތެއް އަށަގެންނެވުން." އަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވިއެވެ.

މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ ހޮވަނީ، ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެންމެ ފަސޭހަކަމާއެކު ޢާއްމުފަރާތްތަކަށާއި އެހެނިހެންވެސް ފަރާތްތަކަށް އެ މުއައްސަސާއެއްގެ މަސަކަތްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭ ތަންތަނަށް ބަލައިގެންނެވެ. އަދި މުއައްސަސާތަކުގެ ވެބްސައިޓްތައް ދަރަޖަކުރަނީ މިނިވަން މުއައްސަސާތަކުގެ މެންބަރުން ހިމަނައިގެން އުފައްދަވާފައިވާ ޚާއްސަ ފަރާތްތަކުން ޖަޖުކޮށް އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ކަނޑައަޅާ އިންސައްތައެއް ހާސިލުކުރާ އިދާރާތައް 3 ދަރަޖައަކަށް ބަހާލައިގެންނެވެ.

2016 ވަނަ އހަރު މި އެވޯޑް ޙާޞިލުކޮށްފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަން އޭ.ސީ.ސީ އެވެ.