ޚަބަރު

ސްކައުޓްސް އެސޯސިއޭޝަނަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ޙުސައިން ޢަބްދުﷲ (ކެންދޫ) ނިޔާވެއްޖެ


ރާއްޖޭގައި ސްކައުޓް ޙަރާކާތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ދަރުމަވެރިއެއް ކަމަށްވާ، ސްކައުޓް އެސޯސިއޭޝަނުގެ ކުރީގެ ޗީފް ކޮމިޝަނަރ ޙުސައިން ޢަބްދުﷲ( ކެންދޫ) ނިޔާވެއްޖެއެވެ. ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް ޙުސައިން ޢަބްދުﷲ ނިޔާވީ ރޭގެވަގުތެއްގައި އައިޖީއެމްއެޗުގައެވެ.

ޢުމުރުން 45 އަހަރުގެ ޙުސައިން ޢަބްދުﷲއަކީ ރާއްޖޭގެ ސްކައުޓްސް އެސޯއިސޭއަޝަނަށް ގިނަ ދުވަސްތަކެއް ވަންދެން ޙިދުމަތްކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެ އެސޯސިއޭޝަނުގެ ޗީފް ކޮމިޝަނަރު ގެ މަޤާމުގެ އިތުރުން، ޢަރަބިއްޔާ ސްކޫލްގެ ސްކައުޓް ގްރޫޕް ގެ އެޑްވައިޒަރުގެ މަޤާމު ހިމެނެއެވެ.

ދިވެހި ސްކައުޓުން ގެ ތެރެއިން ދުނިޔޭގެ ޝަރަފުވެރި ބޭޑަން ޕަވެލް އެވޯޑް އެންމެ ފުރަތަމަ ޙާސިލުކުރެއްވި ދެ ދިވެހިންގެ ތެރޭގައިވެސް މަރްޙޫމް ޙުސައިން ޢަބްދުﷲ ހިމެނެއެވެ. އަދި ފިލިޕީންސްގެ ސްކައުޓް އެސޯސިއޭޝަނުންދޭ "ފްރެންޑްޝިޕް އެވޯޑު"ވެސް އޭނާވަނީ ޙާސިލުކުރައްވާފައެވެ. ދިވެހި ސްކައުޓުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވާ ސްކައުޓުންނާއި ދެމެދުގައި ގުޅުން ބަދަހި ކުރުމަށް އޭނާ ގިނަ މަސައްކަތަކެއް ކުރެއްވިއެވެ. މަރްޙޫމް ޙުސައިން ޢަބްދުﷲއަކީ އޭޝިއާ ޕެސިފިކް ސްކައުޓް ސަރަޙައްދުގެ ފިނޭންސް ސަބް ކޮމިޓީގެ މެމްބަރެއްވެސްމެއެވެ.

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ކައުންސިލް މެމްބަރު އަޙްމަދު ނަޝީދު ވިދާޅުވީ ކެންސަރު ބައްޔަށް ފަރުވާހޯދަމުން ދިޔައިރުވެސް ދިވެހި ސްކައުޓުންނާއި ގުޅުންހުރި ކަންކަމުގައި އިރުޝާދު ދެއްވަމުން ގެންދެވިކަމަށެވެ. ނަޝީދު، މަރްޙޫމް ޙުސައިން ޢަބްދުﷲ ސިފަ ކުރައްވަނީ ދިވެހި ސްކައުޓް ޙަރާކާތް ތަރައްޤީކުރުމަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީގެ އެކައުންޓެންޓެއްގެ މަޤާމު ފުރުއްވަމުން ގެންދެވި މަރްޙޫމް ޙުސައިން ޢަބްދުﷲ ގެ މައްޗަށް ކަށުނަމާދުކޮށްފައިވަނީ މިއަދުގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.