ޚަބަރު

ސްޓެލްކޯގެ އަހަރީ ޢާންމު ޖަލްސާ ބާއްވައިފި، ސާފު ފައިދާ 52 މިލިއަނަށް އިތުރުވެއްޖެ


ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ ފުރަތަމަ އަހަރީ އާއްމު ޖަލްސާ ބާއްވައިފިއެވެ.

ސްޓެލްކޯގެ އަހަރީ ޢާންމު ޖަލްސާގައި ވަނީ މިދިޔައަހަރު ސާފު ފައިދާގެ ގޮތުގައި 52 މިލިޔަން ރުފިޔާ ލިބުނުކަން އިޢުލާންކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރުތަކާ އަޅާބަލާއިރު 187 އިންސައްތައިގެ ކުރިއެރުމެއްކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވި އެކުންފުނީގެ އަހަރީ ޢާންމު ޖަލްސާގައި ވަނީ އެކުންފުނީގެ އަހަރީ ރިޕޯޓްވެސް ނެރެފައެވެ. މި ރިޕޯޓް ނެރެދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް އެވެ. މި ޖަލްސާގައި މިދިޔަ އަހަރު އެކުންފުނިން ކުރިއަށްގެންދިޔަ މަޝްރޫޢުތަކާއި އެކުންފުނިން އިންވެސްޓް ކުރި ދާއިރާތަކުގެ މައްޗަށް އަލި އަޅުވާލައްވާފައެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޗެއަރަމަން އަޙްމަދު އައިމަން ވިދާޅުވީ މިދިޔަ އަހަރު އެކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާވެ މާލީ ހާލަތު ރަނގަޅުވެ، މާލީ ޤާބިލުކަން ލިބިގެން ދިޔަކަމަށެވެ. އަދި މިދިޔަ އަހަރު ރާއްޖޭގައި ކުރިއަށްގެންދިޔަ ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކުގައި ސްޓެލްކޯއިން ބޮޑު ދައުރެއް އަދާކޮށްފައިވާކަމަށް ސްޓެލްކޯގެ ޗެއަރމަން ވިދާޅުވިއެވެ.

"އެގޮތުން ރާއްޖޭގެ ރަށްތަކުގައި 24 ގަޑިއިރު ކަރަންޓް ޔަގީން ކޮށްދިނުމުގެ ގޮތުން އެދެވޭ މަސައްކަތްތަކެއް ކޮށް ވަނީ ކާބިޔާބުކޮށްފަ. ދެމެހެއްޓެނިވި ގޮތުގައި ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްދޭ." ސްޓެލްކޯގެ ޗެއަރމަން އަޙްމަދު އައިމަން ވިދާޅުވިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން މާލޭގައި އެންމެ ފުރަތަމަ ކަރަންޓްގެ ޚިދުމަތް ދޭންފެށީ 14 ކިލޯވޮޓުގެ ޖަނަރޭޓަރަކާއެކުއެވެ. ނަމަވެސް މިހާރު އެކުންފުނިންދަނީ 70 މެގަވޮޓުގެ ކަރަންޓް ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ސައުވީސް ގަޑިއިރު ކަރަންޓްގެ ޚިދުމަތް ދިނުމަށް އެކުންފުނިން ބޮޑު ދައުރެއް އަދާކުރާކަން ފާހަގަކޮށްލެވެއެވެ.