ޚަބަރު

އިންތިޚާބީ ރައީސް ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވައިފި


އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނަރަލް އަޙްމަދު ޝިޔާމާ ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ސިފައިންގެ މައި މަރުކަޒު ބަންޑާރަ ކޮށީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވި އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ޙަވާލުވެވަޑައިގަތުމުގެ މަރުޙަލާގެ ކަންކަން ފަށާފައިވާއިރު، އެމނިކުފާނު ގެންދަވަނީ ދައުލަތުގެ އެކި އެކި މުއްސަސާތަކުގެ ވެރިންނާއި، ބައެއް މުއައްސަސާތަކުގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވަމުންނެވެ. އަދި ވީހާވެސް އަމާންކަމާއި، އޮމާންކަމާއެކު ވެރިކަން ބަދަލުކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް އިބްރާހީމް މުޙައްމަދު ސޯލިޙްގެންދަނީ ގޮވާލައްވަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާއަށްފަހު ވެރިކަން ބަދަލުވާ މަރުހަލާ އޮމާންކަމާއެކު ކުރިއަށްގެންދިއުމުގައި ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ސަލާމަތީ ބާރުތަކުންވަނީ ދެއްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައިވެސް، އަދި އިންތިޚާބުގެ ނަތީޖާއަށްފަހުވެސް ޤައުމުގެ އަމަން ބެލެހެއްޓުމުގައިވެސް ސިފައިން ޕްރޮފެޝަނަލްކޮށް މަސައްކަތްކުރަމުންދާކަމަށާއި، ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައިވެސް ދިވެހި ސިފައިން ރައްޔިތުންނާއެކު ތިބޭނޭކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރުވެސް ވަނީ ވިދާޅުވިއެވެ.

ޤާނޫނީ ގޮތުން އުފެދޭ ސަރުކާރެއް ދެމެހެއްޓުމަކީ ސިފައިންގެ ޤާނޫނީ ޒިންމާއެއްކަމަށާއި އެޒިންމާ ސިފައިން އަދާކުރާނޭކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.