ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ހަމްދޫން ރަޝީދު އައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކޮމިޝަނަރ އޮފް ޕޮލިސް ކަމުގެ މަޤާމަށް މ. ފެއަރީވިލާ ހަމްދޫން ރަޝީދު އައްޔަންކުރައްވައިފިއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ކަމުގެ މަޤާމުގައި ހުންނެވި ޙަމްދޫން ރަޝީދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރައްވާފައވާއިރު، މިއަހަރުގެ ފެބްރުއަރީ ތިނަކުން ފެށިގެން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ ޙައިޞިއްޔަތުން ފުލުހުންގެ އިދާރާ ހިންގެވުން ޙަވާލުކުރައްވާފައި ހުންނެވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް އެންވަޔަރަންމަންޓް މިނިސްޓަރުގެ ނާއިބުގެ މަޤާމަށް މިއަދު ވަނީ އައްޔަންކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަރ އޮފް ޕޮލިސް ޢައްޔަން ކުރައްވާފައިމިވަނީ، ކުރިން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަޙްމަދު އަރީފް، މިއަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު މަޤާމުން ވަކިކުރެއްވުމަށްފަހު ގާތްގަނޑަކަށް 8 މަސްވަންދެން ކޮމިޝނަރ އޮފް ޕޮލިސްގެ މަޤާމަށް މީހަކު އައްޔަން ނުކޮށް އޮތުމަށްފަހުގައެވެ.
ކުރީގެ ސީޕީ އަރީފް މަޤާމުން ވަކިކުރެއްވީ 1 ފެބްރުއަރީގައި ސުޕްރީމްކޯޓުން ނެރުނު ޢަމުރު ތަންފީޒުކުރުމަށް ދުރާލާ ރާވައިގެން އަޙްމަދު އަރީފު މަސައްކަތްކުރުމާއި ގުޅިގެންނެވެ.