ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަބްދުﷲ ޖިހާދުގެ ނަމުގައި ދައުރުކުރަމުންދަނީ ފޭކް ޓުވީޓްތަކެއްކަން އެމަނިކުފާނު ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވައިފިއެވެ.
ދައުރުވަމުންދާ ޓުވީޓުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބް ޢަބްދުﷲ ޖިހާދު ވިދާޅުވީ އެމަނިކުފާނުގެ ނަމުގައި ބަޔަކުމީހުން ކުރަމުންދާ ޓުވީޓުތަކަކީ ފޭކް ޓުވީޓުތަކެއް ކަމަށާއި އެމަނިކުފާނު ޓުވިޓާ ބޭނުން ނުކުރައްވާކަމަށެވެ.
ނައިބު ރައީސްގެ ނަމުގައި ފޭކު ޓުވީޓްތައް ދަރުކުރަމުންދާއިރު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުޙައްމަދު ޞާލިހާއި ފައިސަލް ނަސީމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ޢަބަދުﷲ ޖިހާދުވަނީ މަރުޚަބާ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންވަނީ އިބްރާހީމް މުހައްމަދު ސާލިހް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް އޮފީހުގައި ބައްދަލުކުރައްވާ، އިންތިޤާލީ މަރުހަލާ ވީހާވެސް އަމާން އޮމާންކޮށް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެއްވާނެ ކަމަށާ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނޭ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ފޭކު ޓުވީޓުތަކާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބް ވިދާޅުވީ އިންތިޤާލީ މަރުޙަލާ ވީހާވެސް އަމާންއޮމާންކޮށް ގެންދިއުމަށް އޮފީސްތަކަށާއި ވުޒާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދުދެއްވާފައިވާ މިދަނޑިވަޅުގައި، ފޭކް ޓުވީޓުތައް ކުރަނީ ސަރުކާރުގެ އިސްވެރިންނާއި މެދު ނަފުރަތު އުފައްދާ ހަމަނުޖެހުން ހިންގުމުގެ މަގުޞަދުގައި ކަމަށެވެ. އަދި އެފަދަ ކަންކަމަށް ފުރުސަތު ނުދެއްވުމަށް ނައިބް ރައީސް ވަނީ ގޮވާލައްވާފައެވެ.