ޚަބަރު

މިއަދާއި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ


މިއަދާއި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، މެދުތެރެއާއި އުތުރުގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހއ އާއި އ އަތޮޅާ ދެމެދުގެ ސަރަހައްދަށް މިއަދު ހެނދުނު ޔެލޯ އެލަރޓްވެސް ނެރެފައެވެ. އެ އިދާރާއިން މި އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު ހަޔަކުން ހެނދުނު ދިހަގަޑި ތިރީހަށެވެ.

މޫސުމާބެހޭ އިދާރާއިން ވަނީ މި ސަރަހައްދުތަކަށް 30 މޭލާއި 40 މޭލާއި ދެމެދު ވައިގަދަވާނެކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.

މޫސުމާބެހޭ އިދާރާއިން ބުނީ ހުކުރު ދުވަހު ރާއްޖޭ ގެ ހުޅަނގު އުތުރުގެ ސަރަޙައްދުތަކުގައި ލޯ ޕްރެޝަރއެއް އުފެދޭނެކަމަށް ލަފާކުރެވޭކަމަށާ، މީގެ ސަބަބުން އެ ސަރަޙައްދުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ ދުވަސްވަރެއްކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއްދީ ކަމާގުޅުންހުރި އިދާރާތަކުންދޭ އިރުޝާދުތަކަށް ސަމާލުވުން މުހިންމެވެ.