ޚަބަރު

އިންތިޚާބުގެ ނަތީޖާއަށް ބޭރުގެ ޖާސޫސީ އިދާރާއަކުން ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށްފި


އަވައްޓެރި ޤައުމެއްގެ ޖާސޫސީ އިދާރާއަކުން ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވާފައިވާކަމަށް ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޑރ ޚަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ބަޔަކު ވޯޓުން ވައްކަންކުރި ކަމަށާއި އެ އަމަލު ހިންގާފައިވަނީ އަވައްޓެރި ގައުމެއްގެ ޖާސޫސީ އިދާރާއަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ ޖާސޫސީ އިދާރާއެއް ކަމެއް ޚަލީލް ވިދާޅުވެފައެއް ނުވެއެވެ. އަދި އިދިކޮޅު ފަރާތްތަކަށް 2008 ވަނަ އަހަރު ވެރިކަމަށް އާދެވުނީ ވޯޓުން "ވައްކަން" ކޮށްގެން ކަމަށް ޑރ. ޚަލީލް ވަނީ ތުހުމަތުކުރައްވާފައެވެ. ނަމަވެސް މިކަމުގެ ތަފްސީލެއްވެސް ޚަލީލް ހާމަކުރައްވާފައެއް ނުވެއެވެ.

ޚަލީލުގެ ޓުވީޓަށް ރައްދުދެއްވާ ބައެއް ފަރާތްތަކުން ވަނީ، ރާއްޖޭގައި ވޯޓްލުމުގެ ކަންކަން ކުރިއަށްދަނީ މެނުއަލްކޮށްކަމަށާއި ޖާސޫސީ އިދާރާއަކުން ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވާނީ ކިހިނެތްތޯ ސުވާލުކުރައްވާފައެވެ.

ޕީޕީއެމްގެ ބައެއް ބޭފުޅުން ރިޔާސީ އިންތިޚާބުގެ ނަތީޖާގެ ސައްޙަކަމާމެދު ސުވާލު އުފައްދަމުންދަނީ ރައީސް ޢަބްދުﷲ ޔާމީން އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރައްވާފައިވަނިކޮށް، އިންތިޚާބުގެ ކަންކަން ދިޔަގޮތާއި ގުޅޭގޮތުން ސުވާލު އުފެދޭ ބައެއް ކަންކަން ފެންމަތިވުމާއި ގުޅިގެން ކަމަށް ޕީޕީއެމުން ބުނެއެވެ. މީގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ދައްކަވާފައިވާ ކަމަށްބެލޭ ވާހަކަތަކެއްގެ އޯޑިއޯއެއް ލީކުވުމާއި އިންތިޚާބާއި ގުޅޭ އެހެންނިހެން ކަންކަން ޕީޕީއެމުންވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް ސަރުކާރުން ގެންދަވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށް ދޭންޖެހޭ ސެކިއުރިޓީގެ ކަންކަމާއި، އެހެނިހެން ޢިނާޔަތްތައް އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެމުންނެވެ. އަދި އިންތިޤާލީ މަރުޚަލާގައި ސަރުކާރުގެ ވުޒާރާތަކާއި އޮފީތަކުން އެއްބާރުލުން ލިބޭކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން ވަނީ ހާމަކުރައްވާފައެވެ.