ޚަބަރު

"އެޑްވެންޗަރ އޮފް މޯލްޑިވްސް 2018" ގެ މީޑިއާ ޕާޓްނަރއަކަށް މޯލްޑިވްސް ޓީވީ


"އެޑްވެންޗަރސް އޮފް މޯލްޑިވްސް 2018" ގެ މީޑިއާ ޕާޓްނަރއަކަށް ޕީ.އެސް.އެމްގެ މޯލްޑިވްސް ޓީވީ ހަމަޖައްސައި އިތުރު ޕާޓްނަރުންނާއެކު ސޮއިކޮށްފިއެވެ.

ރާއްޖޭގެ ރީތިކަން ވީޑިޔޯއަކުން ދައްކުވައިދީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާޙައުލު އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ އެޑްވެންޗަރސް އޮފް މޯލްޑިވްސް ނުވަތަ ދިވެހި "އާހިތަ"އިގެ ދެވަނަ އެޑިޝަންގެ ޕާޓްނަރުންނާއެކު ސޮއިކޮށްފައިވަނީ ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި އެޑްވެންޗަރ އޮފް މޯލްޑިވްސްގެ މީޑިއާ ޕާޓްނަރުގެ ގޮތުގައި މޯލްޑިވްސް ޓީވީގެ ފަރާތުން ސޮއިކުރެއްވީ ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފެވެ. އަދި އެމް.އެމް.ޕީ.އާރް.ސީގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަންގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދެއެވެ.

މިރަސްމިއްޔާތުގައި އެޑްވެންޗަރސް އޮފް މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި ޔޫރޯ ސްޓޯރާއެކުވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ކޯސްޕޮންސަރގެ ގޮތުގައި ޔޫރޯ މާކެޓިންގ ޕްރައިވެޓް ލިމިޓެޑް، ޑިޖިޓަލް ޕާޓްނަރ މޯލްޑިވްސް އިންސައިޑަރ، ޕްރިންޓް ޕަރޓްނަރ ދި ޕްރިންޓް، ބްރޯންޒް ސުޕޮންސަރގެ ގޮތުގައި ޓެކްސްޓްރީޓް ޕްރައިވެޓް ލިމިޓެޑާއި އަދި ޕްރޮވައިޑެންސް ޕްރައިވެޓްލިމިޓެޑާއެކުވެސް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ޕާޓްނަރުންނާއެކު ސޮއިކުރުމައްފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރްސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ، ދިވެހިން އަމިއްލައަށް ރާއްޖޭގެ ރީތިކަން ކިޔައިދިނުމައްވުރެ ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އިހްސާސްތައް ކިޔައިދިނުމަކީ މުހިއްމުކަމެއްގެ ގޮތުގައި ޤަބޫލުކުރާކަމަށާއި އެކަން އެންމެރަނގަޅަށް ކުރެވޭނެ ޕްލެޓްފޯމަކީ އެޑްވެންޗަރސް އޮފް މޯލްޑިވްސްކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާގޮތުގައި އެޑްވެންޗަރސް އޮފް މޯލްޑިވްސްގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގެ ހަމަހިމޭން މާހައުލުގައި ޗުއްޓީ ހޭދަކުރައްވާފައި ވަޑައިގަންނަވާ ބޭރުގެ ފަރާތްތަކާއި އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކޮށް ރާއްޖޭގެ ރީތިކަން ދުނިޔެއަށް ދައްކައިދިނުމައްޓަކައި މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވިގެންދާނެ ވަރަށް ބޮޑު ފުރުސަތެއް އަދި ކުރިއެރުމަކަމަށްވެގެންދާނެ އޭގެ ސަބަބުން ރާއްޖޭގެ މަގުބޫލުކަން އިތުރުވެގެންދާނެ" ހާރިސް ވިދާޅުވިއެވެ.

އެޑްވެންޗަރސް އޮފް މޯލްޑިވްސްގެ މީޑިއާޕާޓްނަރ މޯލްޑިވްސް ޓީވީގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ޕީ،އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވީ، މޯލްޑިވްސް ޓީވީ އުފެދުނުތާ ދެއަހަރުވެފައިވާއިރު، އިނގިރޭސިބަހުން ބްރޯޑްކާސްޓްކުރާ މި ޗެނަލް 24 ގަޑިއިރު އޮންލައިންކޮށްވެސް ބަލާލެވޭނެކަމަށެވެ. އަދި އަމާޒަކީ އިތުރު ބަސްބަހުންވެސް މޯލްޑިވްސް ޓީވީގެ ޚިދުމަތް ދިނުންކަމަށް އިކްރާމް ވިދާޅުވިއެވެ. އަދި އެޑްވެންޗަރސް އޮފް މޯލްޑިވްސްގައި ބައިވެރިވުމުގެ މައިގަނޑު އަމާޒަކީ މޯލްޑިވްސް ޓީވީއަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މަސައްކަތްކުރާ ޓީވީ ޗެނަލަކަށްވުމާއެކު އެކަންއިތުރަށް ފުޅާކުރުންކަންވެސް އިކްރާމް ވަނީ ފާހަގަކުރައްވާފައެވެ.

"މޯލްޑިވްސް ޓީވީން މިކަން ވީހާވެސް ބޮޑަށް ފުޅާކޮށް މިކަން ގެނެސްދޭނެ. އަދި ޕީ.އެސް.އެމްގެ ހުރިހާ ޗެނަލަކުންވެސް މިކަން އިޝްތިހާރުކުރާނެ. ހަމައެއާއެކީގައި ރާއްޖެ އިޝްރިހާރުކުރުމައްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އެމް.އެމް.ޕީ.އާރު.ސީއާ ގުޅިގެން މިދަނީ ވަރަށް ގިނަ މަސައްކަތްތައް ކުރަމުން. އަދި އިތުރަށްވެސް މަސައްކަތްކުރާނަން" އިކްރާމް ވިދާޅުވިއެވެ.

އެޑްވެންޗަރސް އޮފް މޯލްޑިވްސްއަށް ވީޑިއޯތައް ފޮނުވޭނެ އިންތިޒާމް މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ވިޒިޓްމޯލްޑިވްސްގެ ވެބްސައިޓުގައި ހަމަޖެހިފައި ހުންނާނެކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ.