ޚަބަރު

ޤާޒީ ނިހާނުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި


ޞައްޙަ ނޫން ކޯޓު އަމުރެއް ނެރެގެން ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކޮށް، ރަހީނު ކުރަން އުޅުމުގެ ތުހުމަތުގައި ޖަލު ހުކުމެއް އިއްވާފައިވާ އދ.މާމިނގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަޙްމަދު ނިހާންގެ އިސްތިއުނާފު ޝަރިޢަތުގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފިއެވެ.

މި މައްސަލައިގައި ނިހާނުގެ މައްޗަށް ވަނީ ހަތަރު ދަޢުވާއެއް އުފުލާފައެވެ. އެއީ، އަޞްލެއް ނެތް އެއްޗެއް ޞައްޙަ ކަމަށް ދެއްކުމައްޓަކައި ލިޔުމެއް އުފެއްދި ކަމުގެ ދަޢުވާއާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށިގެން ނުވާ ޢަމަލެއް ހިންގިކަމުގެ ދަޢުވާއާއި ރަސްމީ ޙައިޞިއްޔަތު ނަހަމަގޮތުގައި ބޭނުންކުރި ކަމުގެ ދަޢުވާގެ އިތުރުން ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގައި ބައިވެރިވެ އެފަދަ ޢަމަލެއް ހިންގުމުގެ ދަޢުވާއެވެ.

މި މައްސަލައިގާ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުމާއި އެކަމުގައި ބައިވެރިވުމުގެ ކުށް ސާބިތުވުމުން ނިހާނުގެ މައްޗަށް 17 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. އެ ޙުކުމުގައި ބުނެފައިވަނީ، މާމިގިނލީ ކޯޓުގައި އެކޯޓުގެ ލެޕްޓޮޕެއް ބޭނުންކޮށްގެން ޤާޒީ ނިހާން ކޯޓު ޢަމުރެއް ޑައުންލޯޑްކުރިކަން ސާބިތުވާ ކަމަށާއި އެ ޢަމުރަށް ބަދަލު ގެނައިކަން ވެސް ސާބިތުވާ ކަމަށެވެ. އަދި އެފަދަ ޢަމުރެއް ނެރުމުގެ ނުރައްކާތެރިކަމާމެދު ނިހާން ވާހަކަ ދައްކާފައިވާކަން ވެސް ހެކިންގެ ހެކިބަހުން އެނގޭ ކަމަށެވެ.

މި ދަޢުވާއާ ގުޅިގެން ކުރިއަށް ގެންދިޔަ އިސްތިއުނާފު އަޑުއެހުންތަކުގައި ނިހާނު ވަނީ ކަފާލާތުގެ ދަށުން ދޫކޮށް ދިނުމަށް އެދިފައެވެ. އެހެން ނަމަވެސް ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވީ ޓެރަރިޒަމްގެ ޤާނޫނުގެ ދަށުންނާއި ޤާނޫނު ޢަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކަފާލާތުގެ ދަށުން ނިހާން ދޫކުރެވެން ނެތް ކަމަށެވެ. ޖިނާއީ އިޖުރަޢާތުގެ ޤާނޫނުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށްސާބިތުވެ ޙުކުމްކޮށްފައި ތިބޭ ފަރާތްތައް ކަފާލާތުގެ ދަށުން މިނިވަން ނުކުރެވޭނެ ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

ޞައްޙަ ނޫން ކޯޓު އަމުރެއް ނެރެގެން ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކޮށް، ރަހީނު ކުރަން އުޅުމުގެ ތުހުމަތުގައި ޖަލު ހުކުމެއް އިއްވާފައިވާ ނިހާނުގެ މައްޗަށް ކުރިއަށް ގެންދާ އިސްތިއުނާފު އަޑުއެހުންތައް ނިންމާލާފައިވާއިރު ދެން އޮންނާނީ ހުކުމް ކުރުމެވެ. މި މައްސަލައިގާ ނިހާންގެ އިތުރުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށް އުފުލި ދައުވާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ އޭނާގެ މައްޗަށްވެސް ވަނީ 17 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.