ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބޭނުން ކުރާ އެކްސްރޭ މެޝިން ހަލާކުވެފައިވާ ކަމަށާއި އެ މެޝިން މަރާމާތުކުރުމަށްފަހު އަންނަ ހަފުތާގައި އަލުން ޚިދުމަތްދޭން ފަށާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެކްސްރޭގެ ޚިދްމަތްތަކާއ ބެހޭ ގޮތުން ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލް ހިންގުމާ ވަގުތީ ގޮތުން ޙަވާލުވެ ހުންނެވި ޕަބްލިކް ހެލްތް އޮފިސަރ ޝަހުޒާ ޙަސަން ވިދާޅުވީ އެ ޚިދުމަތް މެދުކެނޑިފައިވަނީ އެކްސްރޭ މެޝިނުގެ ބައެއް ހަލާކުވެފައިވާތީއެވެ. އަދި އެބައި ގެނައުމުގެ މަސައްކަތް އެސްޓީއޯއާ ގުޅިގެން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މެޑިކަލް އެކުއިޕްމެންޓްސް މި ލިބެނީ އެސްޓީއޯ ތްރޫކޮށް. ދެން އެބޭފުޅުން ކޮންމެވެސް ކުންފުންޏަކާ ގުޅިގެން މި ގެންނަނީ. އެ މެޝިންގެ ސްޕެއަރ ޕާޓްސްތަކަކީ މާލެއިން ލިބެން ހުންނަ އެއްޗެހިތަކަކަށް ނުވާތީ އެބޭފުޅުންވެސް ޖެހެނީ ރާއްޖެއިން ބޭރުން އެ އެއްޗެހި ގެންނަން. ދެން މިނިސްޓްރީން ވެސް އެސްޓީއިންވެސް ގުޅިގެން، މިހަފްތާތެރޭގެ އެ ހަލާކުވި ބައި ލިބޭނެ ކަމަށް އެބޭފުޅުން ވިދާޅުވި. އެހެންވެ މި ބަލަނީ އަންނަ ހަފްތާ ފެށޭތަނުން ޚިދުމަތް މިކޮޅުގަ ފެށޭނެ ކަމަށް،" ޝަހުޒާ ވިދާޅުވިއެވެ.
ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ މުޅި ހުވަދު އަތޮޅުގެ ރައްޔިތުން ޚިދުމަތް ލިބިގަންނަ މަރުކަޒީ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލަށް ދުވާލެއްގެ މައްޗަށް 200 އާ ގާތްކުރާ އަދަދަކަށް ބަލި މީހުން ކޮންމެ ދުވަހަކު ޚިދުމަތް ހޯދާއިރު ހޮސްޕިޓަލުން ދޭ އެންމެ މުހިއްމު އެއް ޚިދުމަތް ކަމުގައިވާ އެކްސްރޭ ނެގުމުގެ ޚިދުމަތް މިވަގުތު މިވަނީ މެދުކެނޑިފައެވެ.
އެ ޚިދުމަތް މެދުކެނޑިފައިވާތީ، އެހޮސްޕިޓަލުން ދެމުން އައި މެޑިކަލް ހެދުމުގެ ޚިދުމަތްވެސް ވަނީ ހުއްޓިފައެވެ. އޭގެ ސަބަބުން ކައިރި ރިސޯޓުތަކުގެ މުވައްޒަފުންނާއި ރަށުގެ އެކި މަސައްކަތްތަކަށް ބޭރުން ގެންނަ ބިދޭސީންގެ މެޑިކަލް ހެދުމުގެ ކަންކަންވެސް ކުރަން ދާން ޖެހެނީ ގއ. ވިލިގިއްޔަށެވެ.
އަންނަ ހަފްތާއިން ފެށިގެން އެ ޚިދުމަތް އަލުން ފެށޭނެ ކަމުގެ ޚަބަރު ލިބިފައިވާއިރު ޚިދުމަތް ލިބެން މި ފަށަނީ ދެހަފްތާގެ މެދުކެނޑުމަކަށްފަހުއެވެ.