ޚަބަރު

ރިސޯޓެއްގެ ބަދީގޭގައި ގޭސް ލީކުވެ، 8 ބިދޭސީއަކު ފިހިއްޖެ


ދ. އަތޮޅު ރިނބުދޫ ކައިރީ އަލަށް ހަދަމުންދާ "މާގާ" ނަމަކަށް ކިޔާ ރިސޯޓެއްގެ ބަދިގޭގައި ގޭސް ލީކް ވުމުގެ ސަބަބުން ހިނގި ހާދިސާއެއްގައި އަށް ބިދޭސީއަކު ފިހިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، މާގާ ރިސޯޓްގެ ބަދިގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގޭހުން އެރި އާވީގެ ސަބަބުން ބިދޭސީން ތަކެއް ފިހިފައިވާ ކަމަށާއި އެ މީހުންނަށް ފ. އަތޮޅު ނިލަންދޫ ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށެވެ. އަދި އިތުރު ފަރުވާއަށް އެ މީހުން މާލެ ގެނައުމުގެ މަސައްކަތް އެ ރިސޯޓުން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ރިސޯޓްގެ މުވައްޒަފުންނަށް ޚާއްޞަކޮށް ހަދާފައިވާ ބަދިގޭގައި ބަހައްޓާފައި ހުރި ރައިސް ކުކަރަކަށް ކަރަންޓު ދިނުމާއެކު، އެތަނަށް ލީކްވެފައި ހުރި ގޭހުގައި އަލިފާން ހުޅު ހިފުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި ބަދިގޭގައި ބަހައްޓާފައި ހުރި ބައެއް އާލާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ބަދިގޭގެ ކުޑަ ދޮރުތަކުގައި ހުރި ބިއްލޫރިތައް ވެސް ވަނީ ތަޅައިގެންގޮސްފައެވެ. މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.