ޚަބަރު

މަޢުލޫމާތު ހޯދާ ލިބިގަތުމުގައި ދަޢުލަތުގެ 8 އިދާރާއެއް އެއްވަނަ ދަރަޖައިގައި ހިމެނިއްޖެ


މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހާމަކުރަމުންދާ މިންވަރު ދަރަޖަކުރުމުގައި ދަޢުލަތުގެ 8 އިދާރާއެއް އެއްވަނަ ދަރަޖައިގައި ގިންތިކޮށްފިއެވެ.

މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން އެއްވަނަ ދަރަޖައިގާ ހިމެނިފައި ވަނީ އެޓަރނީ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިތުރުން ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލެވެ.

ދައުލަތުގެ އިދާރާތައް ދަރަޖަކުރުމުގައި އިންފޮމޭޝަން ކޮމިޝަރުގެ އޮފީހުން އިދާރާތައް ބާހަފައިވަނީ 6 ބަޔަކަށެވެ. އޭގެތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި މަތީ ގިންތީގެ ކޯޓުތަކާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލުތަކާއި މިނިވަން މުއައްސަސާތަކާއި ޔުނިފޯމް ޚާއްޞަކުރެވިފައިވާ ތަންތަނާއި ސަރުކާރު ކުންފުނިތައް ހިމެނެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފައިވަނީ ދަރަޖަކުރުމުގައި ބަލާފައިވަނީ އެ އޮފީހެއްގެ ވެބްސައިޓުގައި ފެންނަން ހުންނަ މަޢުލޫމާތުތަކަށް ބަލައިގެން ކަމަށެވެ. އަދި އެގޮތުން އެއްވަނަ ދަރަޖައިގާ ހިމެނިފައި ވަނީ 75 އިންސައްތައަށްވުރެ މަތިން މާކްސް ހޯދި އިދާރާތައް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެއެވެ.