ޚަބަރު

ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ފަށަން ތައްޔާރުވެއްޖެ


ތިލަދުންމަތީ ދެކުނު ބުރީ ކުޅުދުއްފުށީގައި ޤާއިމްކޮށްފައިވާ ހައިކޯޓުގެ އުތުރު ގޮފީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޝަރީއަތްތައް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ހައިކޯޓުން ބުނީ، ކުޅުދުއްފުށީގައި ޤާއިމް ކޮށްފައިވާ އެކޯޓުގެ އުތުރު ގޮފީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޝަރީއަތްތައް ފެށުމަށްޓަކާ ވާންޖެހޭ ތައްޔާރީތަކާއި އިންތިޒާމްތައް ފުރިހަމަކޮށްފައިވާކަމަށެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ސުޕްރީމް ކޯޓުން ފާސްކޮށްފައިވާ ޤަރާރާ އެއްގޮތަށް އެތަނުގައި ޝަރީޢަތްތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހައިކޯޓުން ބުނީ އެކޯޓުގެ އުތުރު ގޮފީގައި ތިއްބަވާނީ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗެއް ކަމަށެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޢަބްދުﷲ ހަމީދާއި، ޝުއައިބު ޙުސެއިން ޒަކަރިއްޔާއާއި ޢަލީ ސަމީރު ކަމަށެވެ. އަދި ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ފެށުމަށްޓަކާ އެ ތިން ފަނޑިޔާރުންވެސް ކުޅުދުއްފުއްޓަށް ވަޑައިގެންފައިވާކަމަށް ހައިކޯޓުން ބުނެއެވެ.

ހައިކޯޓުގެ އުތުރު ގޮފިން ބެލުމަށް ހަމަޖެހިފައި ވަނީ ހއ، ހދ، ށ، ނ، ރ، ބ މި 6 އަތޮޅުގެ މައްސަލަތައްކަމަށް ހައިކޯޓުން ބުނެއެވެ. އަދި ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ފެށުމުން، އެ ސަރަޙައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމަށް ލުއިތަކެއް ލިބިންދާނެ ކަމަށްވެސް ހައިކޯޓުން ބުނެއެވެ. މީގެ އިތުރުން އުތުރުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ އިސްތިޢުނާފް މަރުޙަލާތަކާއި، އިސްތިއުނާފުގެ މަރުޙަލާ ކުރިއަށް ނުގޮސްހުރި މައްސަލަތައް އަވަސްވެ، އެ މައްސަލަތަކާ ގުޅުން ހުންނަ ޚަސްމުން ކުރަން ޖެހޭ ޚަރަދުތައްވެސް ކުޑަވެގެންދާނެކަމަށް ހައިކޯޓުން ބުނެއެވެ.

ހައިކޯޓުގެ އުތުރު ގޮފި ހދ. ކުޅުދުއްފުށީގައި ޤާއިމްކޮށްފައިވާއިރު، ހައިކޯޓުގެ ދެކުނު ގޮފި ޤާއިމްކޮށްފައި ވަނީ އައްޑޫ ސިޓީގައެވެ. ދެކުނުގެ އަތޮޅުތަކަށް ޚާއްޞަކޮށްގެން އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތައް ހުއްޓިފައިވަނިކޮށް އެ ޝަރީއަތްތައްވެސް އަލުން ފެށުމަށް ސުޕުރީމް ކޯޓުން ވަނީ އަންގާފައެވެ.