ޚަބަރު

ޕީޕީއެމް 75000 ރުފިޔާއިން ޖޫރިމަނާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް 75000 ރުފިޔާއިން ޖޫރިމަނާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަގައި ވާހަކަދައްކަވަމުން އެކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، ޕީ.ޕީ.އެމް ޖޫރިމަނާކުރުމަށް ނިންމީ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރައި، ކޮމިޝަނުގެ މެންބަރުންނާއި، މުޅި ކޮމިޝަނުގެ އިތުބާރުގެއްލޭގޮތަށް ފަތުރަމުންދިޔަ ވާހަކަތައް ހުއްޓާލަން އެންގުމުންވެސް އެމަށް އިޖާބަ ނުދިނުމުން ކަމަށެވެ.
ޝަރީފް ވިދާޅުވީ އެކޮމިޝަނުގެ މެންބަރުންގެ ބައްދަލުވުމުގައި ޕީ.ޕީއެމްއާ ގުޅޭގޮތުން މަޝްވަރާކޮށް ދެ ނިންމުމެއް ނިންމާފައިވާކަމަށެވެ.

"މުޒާހަރާގެ ނަމުގައި ނުވަތަ މަޢުލޫމާތުދޭ ސެޝަންތަކެއްގެ ނަމުގަނަމަވެސް އެބޭފުުޅުން އެއްވުންތަކެއް ބާއްވަމުން ގޮސް އަޅުގަނޑުމެންގެ ކޮމިޝަނަށް އަމާޒްކޮށް، ބައެއް މެންބަރުންނާއި ކޮމިޝަނުގެ މުޅި އިންޓަރގްރިޓީ ގެއްލޭފަދަ ގޮތްގޮތަށް އަމަލުކުރުން ހުއްޓާލުމަށް އަޅުގަނޑުމެންވާނީ މީގެ ކުރިން ސިޓީ ފޮނުވާފައި. އަދި އެކަން ނުހުއްޓުވައިފިނަމަ ފިޔަވަޅު އަޅާނެކަމަށްވެސް އަޅުގަނޑުމެން ދަންނަވާފައިވާނީ. އިއްޔެ ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ޕީޕީއެމް 75000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައި" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޕީއެމްގެ ލީޑަރޝިޕާއި، އިންތިޚާބާ ގުޅޭގޮތުން ކުރަމުންދާ ޝަކުވާތަކަށް ބަލައި ވަކިމަޤްޞަދެއް ހާސިލުކުރުމަށް ޕާޓީގެ އާންމު މެންބަރުންތަކާއި، މަޖިލިސް މެންބަރުންތަކެއް ވަކިކުރަން ޕީޕީއެމުން އުޅޭކަމުގެ މަޢުލޫމާތުތަކެއް ލިބެމުންދާކަން ފާހަގަކުރައްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ، ޕީޕީއެމްގެ ލީޑަރޝިޕާ ގުޅޭގޮތުން ސިވިލްކޯޓުގައި މިހާރުކުރިއަށްދާ މައްސަލަ ވަކިގޮތަކަށް ނިމެންދެން މެންބަރަކު ވަކިކުރަން އެޕާޓީން ހުށައަޅާ ހުށައެޅުމަކަށް އިލެކްޝަންސް ކޮމިޝަނުން އިޖާބަ ނުދޭނެކަމަށެވެ.