ޚަބަރު

ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަައިފި


ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރަކަމަށް ކުރިމަތިލުމަށް ހުޅުވާލުމަށް އެޕާޓީން ނިންމާފައިވަނީ ރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި 61 މެންބަރުންގެ އިއްތިފާޤުން ފާސްކޮށްގެންކަމަށް ޖުމްހޫރީ ޕާޓީން މައުލޫމާތުދެއެވެ.

މިއަހަރުގެ އޮގަސްޓްމަހު ބޭއްވި ޖުމްހޫރީ ޕާޓީގެ ޤައުމީ ޖަލްސާގައި އެޕާޓީގެ ލީޑަރުކަމަށް މީހަކު އިންތިޚާބުކޮށްފައެއް ނުވެއެވެ. ލީޑަރގެ މަޤާމު ފިޔަވައި އެހެން މަޤާމުތަކަށް ޤައުމީ ޖަލްސާގައި މީހުން އިންތިޚާބުކޮށްފައިވާއިރު، މިހާރު އެޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވީ ޑެޕިއުޓީ ލީޑަރ ޑރ. ޙުސެއިން ރަޝީދު ޙަސަނެވެ. ޖޭޕީގެ ޤައުމީ ޖަލްސާގައި އެޕާޓީގެ ލީޑަރކަމަށް މީހަކު އިންތިޚާބުކޮށްފައި ނުވަނީ އެމަޤާމަށް މީހަކު ކުރިމަތިލާފައި ނުވާތީކަމަށް ޖުމްހޫރީ ޕާޓީން މައުލޫމާތުދެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމުގައި ކުރިން ހުންނެވީ އެޕާޓީގެ ބާނީ ޤާސިމް އިބްރާހީމެވެ. ޤާސިމް އެމަޤާމުން ވަކިވެފައިވަނީ ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވި ޖަލުޙުކުމާ ގުޅިގެންނެވެ. ނަމަވެސް ހައިކޯޓުން އިއްޔެވަނީ ޤާސިމްގެ މައްޗަށް ކުރި ޖަލު ޙުކުމް ބާތިލުކަމަށް ކަނޑައަޅާފައެވެ.