ޚަބަރު

ހިމާޔަތްކޮށްފައިވާ ދޫނި ހިފާ މީހުންނާމެދު ފިޔަވަޅު އަޅާނަން - އީޕީއޭ


ހިމާޔަތް ކޮށްފައިވާ ދޫނި ހިފާ، އެ ތަކެއްޗަށް ގޯނާ ކުރާކަމުގެ ޝަކުވާ އިތުރުވެފައިވާ ކަމަށާއި، އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އީޕީއޭއިން ދީފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ބުނީ މިދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ވައްތަރުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ދޮން ދޫންޏާއި، ދޮންދޫނި ލޯފިނދު ހިމެނޭ ކަމަށެވެ. އަދި އެއީ މަދިރި ކޮންޓްރޯލު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ދޫނިތަކެއް ކަމަށާއި މަދިރީގެ ސަބަބުން ޖެހޭ އެކި ބާވަތްތަކުގެ ބަލިތަކުން ސަލާމަތްކޮށްދިނުމުގައި އެފަދަ ދޫނިތަކުގެ ދައުރު ބޮޑުކަމަށް އީޕީއޭން ބުނެފައެވެ.

އީޕީއޭއިން ބުނީ ދިވެހިރާއްޖެއަކީ އެފަދަ ދޫނިތަކަށް ރައްކާތެރި މާހައުލަކަށް ހެދޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށެވެ. އަދި މިކަމުގެ މުހިންމުކަން ދެކި ހުރިހާ ފަރާތްތަކުންވެސް ދޫނިތައް ރައްކާތެރިކުރުމަށް އީޕީއޭއިން ކުރަމުންދާ މަސައްކަތައް އެއްބާރުލުން ދިނުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އީޕީއޭ އިން ބުނީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ ހިޖުރަކުރާ ދޫނިތަކާއި، ރަށްރަށުގައި އާންމުކޮށް އުޅޭ ދޫނިތައް ހިފައި ގޯނާކުރާ ފަރާތްތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެފަދަ ދޫނިތައް ހިފައި ހައްޔަރުކޮށްގެން ގޯނާކުރާ ފަރާތްތަކުގެ މަޢުލޫމާތު އެ އެޖެންސީއާ ހިއްސާ ކުރުމަށް އީޕީއޭއިން ވަނީ އެދިފައެވެ.