ޚަބަރު

ފާރިސްގެ މައްޗަށްކުރި ޖަލުޙުކުމް ހައިކޯޓުން ބާޠިލުކޮށްފި


ޝަޚްސު އޮޅުވާލުމުގެ ކުށް ސާބިތުވެ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫނުގެ މަށްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ހައިކޯޓުން ބާޠިލުކޮށްފިއެވެ.

ޕީޕީއެމުން ވަކިކޮށްފައިވަނިކޮށް ޕްރެސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ލޯގޯއާއި ދިދަ ބޭނުންކުރިކަމަށްބުނާ މައްސަލައިގައި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫނުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 4 މަހާއި 24 ދުވަހުގެ ޖަލުޙުކުމެއް އިއްވާފައެވެ. މި ޙުކުމް ބާޠިލުކުރައްވައި ހައިކޯޓުން އިއްވި ޙުކުމްގައި ބުނެފައިވަނީ މި މައްސަލައިގެ ޝަރީޢަތް ކުރިއަށްގެންގޮސްފައިވަނީ އިޖްރާޢަތްތަކާ ޚިލާފަށް އަވަސްއަރުވާލައިގެން ކަމަށެވެ. އަދި ޝަރީޢަތުގެ މަރުޙަލާގައި އަޙްމަދު ފާރިސް މައުމޫނަށް ލިބެންޖެހޭ ބައެއް ޙައްޤުތައް ނުލިބިވާކަމަށް ހައިކޯޓްގައި ޙުކުމްގައި ފާހަގަކޮށްފައިވެއެވެ.

މިމައްސަލަ އިސްތިއުނާފުކުރުމަށް ފާރިސްގެ ފަރާތުން ހައިކޯޓަށް ހުށަހެޅުއްވީ މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހުގައެވެ. މި މައްސަލައިގެ ޙުކުމް ތަންފީޒުވެ ނިމެން ދުވަސްކޮޅަކަށް ވެފައިވަނީކޮށް ކަފާލާތުގެ ދަށުން ފާރިސްވަނީ މިނިވަންކޮށްފައެވެ.

ފާރިސްގެ މައްޗަށް އިތުރު ދައުވާތަކެއްވެސް ދައުލަތުން ވަނީ އުފުލާފައެވެ.