ޚަބަރު

އެކައުންޓުގެ މަޢުލޫމާތު ޙިއްސާކުރަން އެދި ކަސްޓަމަރުންނަށް މެއިލްއެއް ނުފޮނުވަން - ބީއެމްއެލް


ބީއެމްއެލް ކަސްޓަމަރުންގެ އަމިއްލަ އެކައުންޓުތަކާއި ގުޅޭ މަޢުލޫމާތު އީ-މެއިލްގެ ޒަރިއްޔާއިން ޙިއްޞާކުރުމަށް އެދިފައިނުވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ބީއެމްއެލުން ބުނީ ކަސްޓަމަރުންގެ އަމިއްލަ އެކައުންޓާގުޅޭ މަޢުލޫމާތު ޙިއްޞާކުރުމަށް އެދި ފޭކު އީ-މެއިލް ތަކެއް ފޮނުވަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އެއީ ބީއެމްއެލްގެ ފަރާތުން ފޮނުވަމުންދާ މެއިލްތަކެއް ނޫންކަމުގެ ޔަޤީންކަން ކަސްޓަމަރުންނަށްދޭކަމަށެވެ.

ބީއެމްއެލް ކަސްޓަރަމުންގެ އަމިއްލަ މަޢުލޫމާތާއި އެކައުންޓްތަކާއި ގުޅޭ މަޢުލޫމާތު އީ-މެއިލް އާއި އެސްއެމްއެސް މެދުވެރިކޮށް ޙިއްޞާކުރުމަށް އެފަރާތުން ނޭދޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އެހެން ކަމުން އެކަމަށް ރައްކާތެރިވެ ކަސްޓަމަރުންނަށް ލިބެމުންދާ ފޭކް އެސްއެމްތަކާ ފޭކް މެއިލްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ބީއެމްއެލުން ވަނީ އިލްތިމާސްކޮށްފައެވެ.

ތަފާތު އެކި ވަޞީލަތްތައް މެދުވެރިކޮށް އެކައުންޓްތަކުގެ މަޢުލޫމާތު ހޯދުން އިތުރުވެފައިވާކަން ބީއެމްއެލުން ފާހަގަކޮށްފައިވާއިރު، އެކިއެކު މުއައްސަސާތަކުގެ ނަމުގައި ބައެއް ފަރާތްތަކުގެ އިންޓަރނެޓް ބޭންކިން، ޑެބިޓް އަދި ކްރެޑިޓް ކާޑުގެ މަޢުލޫމާތު ހޯދުން ވަރަށް ބޮޑަށް އިތުރުވެފައިވާކަން ބީއެމްއެލުން ފާހަގަކުރެއެވެ. އަދި ޞައްޙަ ނޫން ވެބްސައިޓްތައް މެދުވެރިކޮށް ވެސް މިފަދަ މަޢުލޫމާތު ހޯދުން އިތުރުވެފައިވާކަމަށްވެސް ބީއެމްއެލުން ބުނެއެވެ.