ޚަބަރު

ސިނަމާލެ ބުރިޖުގެ ލޭނެއް ބަންދުކުރަން ހުއްދަ ދީފައެއް ނުވާނެ - ހައުސިންގ މިނިސްޓަރ


ސިނަމާލެ ބުރިޖުގެ އެއްވެސް ލޭނެއް ބަންދުކުރަން ހުއްދަ ދީފައިނުވާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ.

ބުރިޖުގެ އެއްވެސް ލޭނެއް ބަންދުކުރުމަށް ހުއްދަ ދީފައި ނުވާކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެފައި މިވަނީ ސިނަމާލެ ބުރިޖު ހެދުމަށް ބޭނުންކުރި ވަގުތީ ޕްލެޓް ފޯމްގެ ޕައިލްތައް ނެގުމަށްޓަކައި ބުރިޖުގެ ބައެއް ލޭންތައް އަންނަ ހޯމަ ދުވަހުން ފެށިގެން މަސައްކަތް ނިމެންދެން ބައެއް ވަގުތުތަކުގައި ބަންދުކުރުމަށް ހަމަޖެހިފައިވާކަން ހައުސިންގ މިނިސްޓްރީން އިއްޔެ ޢިއުލާންކޮށްފައިވަނިކޮށެވެ. އެބަޔާނުގައި ބުނެފައިވަނީ ބައެއް ލޭންތައް ބަންދު ކުރުމަށް ހަމަޖެހިފައިވާ ގޮތާއި ގުޅޭގޮތުންނާއި ލޭން ބަންދުކުރާ ވަގުތުތަކުގައި ޓްރެފިކަށް ގެންނަ ބަދަލުތަކާއި ގުޅޭގޮތުން ޓްރެފިކް ޕޮލިހުން ޢާއްމުންނަށް މައުލޫމާތު ފޯރުކޮށްދެއްވަމުން ގެންދަވާނެކަމަށެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓުވީޓް

ނަމަވެސް ހައުސިންގ މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުރިޖުގެ އެއްވެސް ލޭނެއް ބަންދުކުރުމަށް ހުއްދަ ދީފައި ނުވާނޭކަމަށެވެ.

ވަގުތީ ޕްލެޓްފޯމު ނެގުމުގެ މަސައްކަތާއި އެސަރަޙައްދުގެ މޫދު ސާފުކުރުމުގެ މަސައްކަތް ޝެޑިއުލްކުރެވިފައިވާ ގޮތަށް ކުރިއަށްދާކަމަށް ބުރިޖްގެ ކޮންޓްރެކްޓަރ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިންގއިން ވަނީ ބުނެފައެވެ. އެގޮތުން ޕްލެޓްފޯމް ހެދުމަށް ޖަހާފައިވާ ދަގަނޑު ހޮޅިތަކުގެ ތެރެއިން ގިނަ ހޮޅިތަކެއް މިހާރު ނަގާފައިވާއިރު، ކަނޑު އަޑިއަށް ޖަހާފައިވާ ޕައިލްތައް ނުވަތަ ހޮޅިތައް ނެގުމުގެ މަސައްކަތަކީ، ދަގަނޑު ހޮޅިތައް ޖެހުމަށް ކުރި މަސައްކަތަށްވުރެ ބުރަ މަސައްކަތެއްކަން އެކުންފުނިން ފާހަގަކުރެއެވެ.

ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދިޔަ އިންޖިނިއަރިންގ ދާއިރާގެ އެންމެ ބިޔަ މަޝްރޫޢުކަމުގައިވާ ޗައިނާމޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ނިމި ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ އޮގަސްޓްމަހުގެ 30 ވަނަ ދުވަހުގައެވެ.