ޚަބަރު

ޗައިނާ އާސިއާން އެކްސްޕޯ ޓުއަރިޒަމް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ


ޗައިނާ އާސިއާން އެކްސްޕޯ ޓުއަރިޒަމް އެގްޒިބިޝަން 2018 ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ޗައިނާގެ ގުއިލިންގައި ފަތުރުވެރިކަމަށް އަމާޒުކޮށްގެން ކުރިޔައްގެންދާ މި ފެއަރގައި އެމް.އެމް.ޕީ.އާރު.ސީގެ ފަރާތުން ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން، 36 އަކަމީޓަރުގެ ސްޓޭންޑެއް ތައްޔާރުކޮށް، ރާއްޖޭގެ ރީތި މަންޒަރުތައް ދަނީ އިޝްތިހާރުކުރަމުންނެވެ.

މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މިފެއަރގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ މީހުން އިތުރުކުރުމަށްޓަކައި "ވާޗުއަލް ރިއަލިޓީ" ގިއަރ ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ބަލާލުމުގެ ފުރުސަތާއި، ދިވެހި ކާނާގެ ރަހަތައް ބަލާލުމުގެ ފުރުސަތު ހަމަޖައްސާފައިވާކަމަށް އެމް.އެމް.ޕީއާރުސީން ބުނެއެވެ. މީގެ އިތުރުން، ސްޓޭންޑަށް ޒިޔާރަތްކޮށް ސެލްފީއެއް ނަގައި، ޗައިނާގެ އެންމެ މަޝްހޫރު ސޯޝަލް މީޑިޔާ ޕްލެޓްފޯރމެއް ކަމަށްވާ ވައިބޯގައި ޕޯސްޓްކޮށްގެން ހާއްސަ ހަދިޔާތައް ހޯދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފެއަރގެ ތެރެއިން ޗައިނާގެ ގުއަންޖީ ސަރަހައްދުގެ އޮޕަރޭޓަރުންނާއި، މީޑިއާތަކާ ބައްލުކުރުމަށް ހަމަޖެހިފައިވާކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ.

ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަށްވުމާއެކު، މިފެއަރގައި ބައިވެރިވުމުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓްކުރެވޭނެކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ. މިދިޔަމަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް ދުއިސައްތަ ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއެވެ.