ޚަބަރު

މެންބަރު ޢަބްދުﷲ އަޙްމަދާއި، ސިނާންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމްކޯޓުން ކަނޑައަޅައިފި


ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިނުވާކަމަށް ސުޕުރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.

ޕީޕީއެމުން ވަކިކުރުމާގުޅިގެން މިދިޔައަހަރުގެ ޖުލައިމަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ، އިލެކްޝަންސް ކޮމިޝަނުން އޭރު ނިންމި ނިންމުން ސައްޙަ ނޫންކަމަށް ބުނެއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމް އިން ވަކިވެ އިދިކޮޅު ޕާޓީތަކުގެ ހަރަކާތްތަކާއި ގުޅުނު 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ، އެމެމްބަރަކު އިންތިޚާބުވާ ޕާޓީން ވަކިވެވަޑައިގެންނެފިނަމަ، ނުވަތަ އެއްވެސް ސަބަބަކާހުރެ އެ މެމްބަރަކު ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކާއި ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑިގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެންބަރުންގެ ފަރާތުން ދުސްތޫރީ މައްސަލަތަކެއްގެގޮތުގައި ވަކިވަކިން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން މިއަދު ހަތަރު މެންބަރެއްގެ ގޮނޑިއާމެދު ގޮތެއް ނިންމުމަށް ވަނީ ތާވާލުކޮށްފައެވެ. އެގޮތުން، މިއަދުގެ މިހާތަނަށް މެންބަރު އަބްދުﷲ އަޙްމަދާއި، ސިނާންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފައިވާއިރު، ދަނގެތި ދާއިރާގެ މެންބަރު އިލްޙާމް އަޙްމަދާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ހިލްމީގެ ގޮނޑިއާމެދު ގޮތެއް ނިންމުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސްވެސް މިއަދަށްވަނީ ތާވަލުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ބާރަ މެންބަރުންގެ ތެރެއިން ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަހީދާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިންގެ އިތުރުން މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތުގެ ގޮނޑި ނުގެއްލޭކަމަށް މިމަހުގެ ކުރީކޮޅު ސުޕުރީމް ކޯޓުންވަނީ ޙުކުމްކޮށްފައެވެ.

ބާކީ ތިބި 4 މެމްބަރުންގެ މައްސަލައިގައި ޙުކުމް އިއްވުމަށް އަދި ތާވަލުކޮށްފައި ނުވި ނަމަވެސް، މިމައްސަލަތަކުގެ އަޑުއެހުންތައް ސުޕްރީމްކޯޓުން ވަނީ ނިންމާލާފައެވެ.