ޚަބަރު

ޕީޕީއެމް ނޫން އެހެން ޕާޓީތަކަށް އިލެކްޝަނުން ފައިސާ ދޫކޮށްފި


ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމް ފިޔަވައި، އެހެން ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭން ހަމަޖެހިފައިވާ ފައިސާ ދޫކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަދި އެކޮމިޝަނުގެ މެމްބަރު އަޙުމަދު އަކުރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރަން ހަމަޖެހިފައިވާ ފައިސާ ވެރިކަން ކުރާ ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ދޫކޮށްފައިވާ ކަމަށެވެ. އަދި ޕީޕީއެމަށް ފައިސާ ދޫނުކުރީ އެ ޕާޓީގެ މައްސަލައެއް ކޯޓުގައި އޮތުމުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރ އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ކަނޑައެޅި 23 މިލިއަން ރުފިޔާގެ ތެރެއިން އިއްޔެ ޖަމާކުރީ ބާކީ ހުރި ފައިސާ ކަމަށެވެ. ދެ ބަޔަކަށް ބަހާލައިގެން ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭންޖެހޭ ފައިސާ ޖަމާކުރިއިރު، ފުރަތަމަ ބުރު ފައިސާ ދޫކުރީ މިއަހަރުގެ މެއި މަހުގެ ތެރޭގައި ކަމަށެވެ.

ސިޔާސީ ޕާޓީތަކަށް ދެވަނަ ބުރުގައި ދޫކުރަން ކަނޑައެޅި ފައިސާގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބެން އޮތީ ޕީޕީއެމަށެވެ. އެގޮތުން ޕީޕީއެމަށް ޖުމްލަ 10 މިލިއަން ރުފިޔާ ލިބެންޖެހެއެވެ. އެހެން ނަމަވެސް ދެވަނަ ބުރުގައި އެ ޕާޓީއަށް ފައިސާ ދޫކޮށްފައި ނުވަނީ އެޕާޓީގެ ލީޑަޝިޕާ މެދު ޤާނޫނީ ސުވާލުތަކެއް އުފެދި ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ކަމަށް އީސީން ބުނެއެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމުގައި ޕާޓީތަކުގެ ދަފުތަރުގައި ތިބޭ މެމްބަރުންގެ ނިސްބަތަށް ބަލާއިރު ދެ ވަނައަށް އެންމެ ގިނަ ފައިސާ ލިބުނީ އެމްޑީޕީ އަށެވެ. އެގޮތުން އެ ޕާޓީއަށް ޖުމްލަ 7.4 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދި ޖުމްހޫރީ ޕާޓީއާއި އެމްޑީއޭއަށް 2.7 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ 6 ޕާޓީގެ ތެރެއިން 10،000 އަށް ވުރެ ގިނަ މެމްބަރުން ހަމަވާ 4 ޕާޓީއަކަށް ފައިސާ ދޫކޮށްފައިވެއެވެ.