ޚަބަރު

އިންތިޚާބީ ރައީސްގެ އިސްނެންގެވުމާއެކު "ޖަޒީރާ ހޮޅުއަށި" ގެ ނަމުގައި ފޯރަމެއް ފަށަނީ


އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމާއެކު "ޖަޒީރާ ހޮޅުއަށި" މިނަމުގައި ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި މަޝްވަރާ ފޯރަމެއް ފަށަން ނިންމައިފިއެވެ.

ސިލްސިލާކޮށް ބާއްވާ "ޖަޒީރާ ހޮޅުވަށި" ފޯރަމާއި ގުޅޭ މަޢުލޫމާތު މީޑިއާތަކާއި ޙިއްސާކުރައްވަމުން އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ތަރުޖަމާނު، މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި ރައްޔިތުންނާއެކު މަޝްވަރާކުރުމަށް ބާއްވާ މި ފޯރަމް ގެ ފުރަތަމަ ޕްރޮގުރާމް އޮންނާނީ އަންނަ ހޯމަދުވަހުގެ ރޭ ދަރުބާރުގޭގައި ކަމަށެވެ. މާރިޔާ ވިދާޅުވީ، އިންތިޚާބީ ރައީސްގެ އިސްނެންގެވުމުގެ ދަށުން ބާއްވާ މި މަޝްވަރާ ފޯރަމް ފެށުމުގެ ގޮތުން ފުރަތަމަ މަޝްވަރާކުރާނީ މާލޭގެ މަގުތަކާއި ގުޅޭގޮތުންކަމަށެވެ.

"ފުރަތަމަ ބައްދަލުވުން އޮންނާނީ 5 ނޮވެންބަރުގައި ދަރުބާރުގޭގައި. 8:30 ފަށާގޮތަށް ހަމަޖެހިފައިވަނީ. ވަކި ބޭފުޅުންނަކަސް ދަޢުވަތު ދިނުމެއް ނޯންނާނެ. ހަމަ ޢާންމުކޮށް ހުޅުވާލެވިގެން މިމަޝްވަރާ ބައްދަލުވުންތައް ދާނީ. މިފެށޭ ބައްދަލުވުމުގައި ވާހަކަދައްކަން އޮތީ މާލޭގެ މަގުތަކާއި ގުޅޭގޮތުން" މާރިޔާ ވިދާޅުވިއެވެ.

ޖަޒީރާ ހޮޅުވަށި މާލެއިން ފެށި ނަމަވެސް ރާއްޖޭގެ އެކި ރަށްރަށުގައި މި ފަދަ ފޯރަމްތައް ބާއްވައި ރައްޔިތުންނާއިއެކު މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ރައްޔިތުންނާއި ގުޅުން ހުންނަ ކަންކަން ނިންމާނީ ރައްޔިތުންނާއި މަޝްވަރާކޮށް އެރައްޔިތުންގެ އަޑު އަހައިގެންކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރައްޖޭގެ އެކި ރަށްރަށާއި، ޚާއްޞަކޮށް އައްޑޫ ސިޓީއަށް ވިއްސާރަކޮށް ގޭގެއަށް ފެންވަދެ ރައްޔިތުންނަށް ލިބުނު ގެއްލުންތައް ވީހާވެސް އަވަހަށް ބަލައި ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން މަސައްކަތްކުރުމަށް އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގޮވާލައްވާކަމަށް މާރިޔާ ވިދާޅުވިއެވެ.