ޚަބަރު

ރާއްޖޭގެ މިނިވަންކަމާއި އަމާންކަން ކަށަވަރުކުރުމަށް އައު ސަރުކާރުން މަސައްކަތް ކުރާނެ- މައުމޫން


ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ރައްޔިތުންނަށް އަމާންކަން ކަށަވަރު ކޮށްދެއްވުމަށް، އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުއާއި އެމަނިކުފާނުގެ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ދުވަހުގެ ތަހުނިޔާއާއި އިންތިޚާބީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހަށް އަރިސްކުރައްވައި ރައިސް މައުމޫނު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރައްވައި، އަމަން އަމާންކަން ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވުމަށް، އިންތިޚާބީ ރައީސް އާއި އަލަށް އުފެދޭ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އަދި އެ މަސައްކަތްތަކުގައި ރައީސް މައުމޫނުގެ އެއްބާރުލުމާއި ތާއީދު ލިބިވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އިންތިޚާބީ ރައީސްއަށް އެމަނިކުފާނު ވަނީ އަރުވާފައެެވެ.

މި ބަޔާނުގައި ރައީސް މައުމޫނުގެ ވިދާޅުވީ، 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ދިވެހިންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންގެ ބަޔަކާއެކު، ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް އަރައި، ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ނަގާލުމަށް ދިން އުދުވާނީ ޙަމަލާ އިން ދިވެހިރާއްޖެ ސަލާމަތްވީ މާތްﷲ ގެ އިރާދަފުޅާއެކު، އެދުވަހު ޤައުމުގެ ދިފާޢުގައި ދިވެހި ހިތްވަރުގަދަ ސިފައިން ވެވަޑައިގެން މަތިވެރި ޤުރުބާނީ އާއި ކުރެއްވި އަގުހުރި ޖިހާދުގެ ސަބަބުންކަމަށެވެ.

އެދުވަހުގެ ހަނދާންތައް އައުކޮށް، އެ ހިތްވަރު ގަދަ ޤައުމީ ބަޠަލުން ސާބިތުކަމާއެކު ކުރެއްވި މަސައްކަތްތަކަށް ރައީސް މައުމޫނު ވަނީ މިއަދުވެސް އައްސަރިބަހާއި ސާބަސް ރައްދުކޮށް، ޝުކުރު ދަންނަވާފައެވެ.

މީގެ އިތުރުން ނަސްރުގެ ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައިސް މައުމޫނު ވަނީ ތާރީޚި ދުވަހުގެ ޒިކުރާތައް އައުކުރަމުންދާއިރު، މީގެ 30 އަހަރުކުރިން ރާއްޖެއަށް ކުރިމަތިވި ބިރުވެރި ހާދިސާއިން މިޤައުމު ސަލާމަތްކުރުމަށް އަވަށްޓެރި އިންޑިއާ ސަރުކާރުން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި އިންޑިއާގެ ސިފައިންގެ އެއްބާރުލުމާއެކު ބޭރުގެ ހަނގުރާމަވެރިން ބަލިކޮށް ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރެވިގެންދިޔަކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.