ޚަބަރު

އަޔޯރާގެ މެންބަރުކަން ރާއްޖެއަށް ދީފި


އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (އަޔޯރާ) ގެ މެންބަރު ޤައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމެނިއްޖެއެވެ.

އަޔޯރާގެ މެންބަރު ޤައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމަނުމަށް ނިންމާފައިވަނީ އެ ޖަމިއްޔާއިން މިދިޔަ ހުކުރު ދުވަހު ދެކުނު އެފްރިކާގެ ވެރިރަށް ޑާބަންގައި ކުރިއަށްދިޔަ އެ ޖަމިއްޔާގެ ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމުގައެވެ. މިއީ ރާއްޖެ އެޖަމިއްޔާގައި ބައިވެރިކުރުމާގުޅޭގޮތުން މަޝްވަރާކުރި ދެވަނަ ފަހަރެވެ. 2017 ވަނަ އަހަރު ރާއްޖެ އަޖަމިއްޔާގައި ބައިވެރިކުރުމާމެދު މަޝްވަރާކުރުމަށްފަހު، މޮރިޝަޝް އިން އެކަމާ ދެކުޅު ހެދުމާ ގުޅިގެން އޭރު އެޖަމިއްޔާގެ މެންބަރުކަން ރާއްޖެއަށް ލިބިފައެއް ނުވެއެވެ.

އިންޑިޔަން އޯޝަން ރިމް އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (އަޔޯރާ) ގެ މެންބަރުކަން ރާއްޖެއަށް ދިނުމަށް ނިންމުމާއެކު، އެޖަމިއްޔާގެ މެންބަރުންގެ ޢަދަދު 22 އަށް އިތުރުވާނެއެވެ.

އަޔޯރާއަކީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ އެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ގައުމުތަކުގެ ސިޔާސަތު އެއްގޮތްކޮށް އެކުގައި މަސައްކަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ. އަޔޯރާގައި ބައިވެރިވުމަށް ސަރުކާރުން ނިންމާފައިވަނީ އިންޑިއާ ކަނޑުގައި ދިމާވާ ކަނޑުފޭރުމުގެ މައްސަލައާއި ޓެރަރިޒަމް ފަދަ އިންޑިއާ ކަނޑުގެ ސަލާމަތާގުޅުންހުރި މައްސަލަތަކަށް ފައިދާހުރި ހައްލެއް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ.

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަންގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ 2017 ވަނަ އަހަރުގެ މެއިމަހުގެ 26 ވަނަ ދުވަހުއެވެ. އަދި މިކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 23 ވަނަ ދުވަހުއެވެ.