ޚަބަރު

މަހުލޫފް ހައްޔަރުކުރީ ޤާނޫނާ ޚިލާފަށްކަމަށް ހައިކޯޓުން ކަނޑައަޅައިފި


މިދިޔަ ފެބްރުއަރީ މަހު ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައި ވަނިކޮށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަހުލޫފް ހައްޔަރު ކުރީ ޤާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހުލޫފް އެމްޑީޕީ ހަރުގޭގައި މާސްކު ބަހަން ހުއްޓައި ހައްޔަރުކޮށްފައި ވަނީ 22 ފެބުރުއަރީ 2018 ގައެވެ. މަހުލޫފް ހައްޔަރުކުރުމަށް ފެބްރުއަރީމަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރު އޭނާ ވަނީ ހައިކޯޓްގައި އިސްތިއުނާފްކޮށްފައެވެ.

މެންބަރު މަހުލޫފް ހައްޔަރު ކުރިތާ 8 މަހާއި 12 ދުވަސްފަހުން ހައިކޯޓުން މިއަދު ވަނީ މިމައްސަލަ ބަލައި ނިންމާފައެވެ. ހައިކޯޓުން ކުރި ޙުކުމްގައި ބުނެފައިވަނީ ފެބްރުއައީ 22 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަހުލޫފް ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުގެ ޤާނޫނާ ޚިލާފަށް ކަމަށެވެ. ހައިކޯޓް ސަރަހައްދުގައި މީޑިއާއާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަހުލޫފް ވިދާޅުވީ، މިއީ އަނިޔާވެރިކަމާ ދެކޮޅަށް ކުރި މަސައްކަތަށް ލިބިގެންދިޔަ އިތުރު ކާމިޔާބީއެއް ކަމަށެވެ.

ހައިކޯޓުން މިމައްސަލަ ނިންމިއިރު މިދިޔަމަހުގެ 25 ވަނަ ދުވަހުން ފެށިގެން އޭނާ ހުންނެވީ މިނިވަނެއްގޮތުގައެވެ. މިއަހަރުގެ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރުކުރި ސިޔާސީ މީހުންގެ ތެރޭގައި އަޙްމަދު މަހުލޫފް ހިމެނޭއިރު، ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް 43 ދުވަހު ޖަލުގައި ބާއްވާފައިވެއެވެ.

އަޙްމަދު މަހުލޫފަކީ ރައީސް ޔާމީންގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި އެއް މެންބަރެވެ. އެގޮތުން 2017 ވަނަ އަހަރާއި، 2018 ވަނަ އަހަރުގެ ތެރޭގައި ދިގުމުއްދަތެއް އޭނާ ވަނީ ޖަލުގައި ހޭދަކުރައްވާފައެވެ.