ޚަބަރު

އިންތިޚާބަށްފަހު ހިމޭންކަން އިޚްތިޔާރުކުރީ ޤައުމުގެ ސުލްހައަށް ޖާގަދިނުމަށް - ޑރ.ޝަހީމް


ނިމިދިޔަ ރިޔާސީ އިންތިޚާބަށްފަހު ހަމަހިމޭންކަން އިޚްތިޔާރު ކުރެއްވީ ޤައުމުގެ ސުލްހައަށް ޖާގަ ދެއްވުމަށް ކަމަށް ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރަނިން މޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށްފަހު ސިޔާސީ މައިދާނުން ޑރ. ޝަހީމްގެ އަޑު ކެނޑިފައިވާ ދަނޑިވަޅެއްގައި އަމިއްލަފުޅު ފޭސްބުކް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި މިގޮތަށް ވިދާޅުވެފައި ވަނީ، ހެޔޮއެދޭ އަދި ރަހުމަތްތެރިންނަށް އެކަން އަންގައިދިނުމަށް ކަމަށް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޑރ. ޝަހީމް ވިދާޅުވީ، އެމަނިކުފާނު ސިޔާސީ މައިދާނުން އެކަހެރިވެ ވަޑައިނުގަންނަވާ ކަމަށެވެ. އަދި ދާދި އަވަހަށް ސިޔާސީ މަޝްރަހުން އަނެއްކާވެސް ފެނިލައްވާނެކަމަށް ޑރޝަހީމް ވަނީ ވިދާޅުވެފައެވެ.

"މާތްﷲ އިރާދަކުރެއްވިއްޔާ މި ހިނގާ މަހުގެ މެދެއްހައި ހިސާބުން ފެށިގެން އަނެއްކާވެސް އިސްލާމީ ދަޢުވަތާއި ސިޔާސީ މަސައްކަތްތަކަށް އަޅުގަނޑު ހުސްވާނަން."

ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ އެމަނިކުފާނުގެ ޢަޒުމަކަށް ބަދަލެއް ނާންނާނެ ކަމަށާއި އަޒުމް ނުގުނޑާނެ ކަމަށެވެ. ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު ހުންނެވީ މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރުގެ މަޤާމުގައެވެ.