ރިޕޯޓް

ޖޮބް އެންޑް ކެރިއަރ ފެއަރ އަކީ ގދ އަތޮޅު ޒުވާނުންނަށް ރަނގަޅު ކޮންސެޕްޓެއް - ތިނަދޫ ކައުންސިލް


ގދ. ތިނަދޫގައި ބޭއްވި "ޖޮބް އެންޑް ކެރިއަރ ފެއަރ 2018" ކާމިޔާބުކަމާއެކު ނިންމާފައިވާއިރު އެ ފެއަރއަކީ ޒުވާނުންނަށް ރަނގަޅު ކޮންސެޕްޓެއް ކަމަށާއި އޭގެ ދެވަނަ ފެއަރ އެއް އަންނަ އަހަރު ބާއްވަން ނިންމާފައިވާ ކަމަށް ތިނަދޫ ކައުންސިލުން ބުނެފިއެވެ.

ގދ. އާއި ގއ. ހިމެނޭ ގޮތަށް މުޅި ހުވަދު އަތޮޅުގެ ޒުވާނުންނާއި ސްކޫލް ނިންމާ ދަރިވަރުންނަށް ޢަމާޒުކޮށްގެން އިއްޔެ އެރަށުގައި ބޭއްވި އެ ފެއަރ އަކީ އެ ޞަރަޙައްދުގައި ބޭއްވިގެން ދިޔަ އެފަދަ ފުރަތަމަ އަދި އެންމެ ބޮޑު ފެއަރ އެވެ. އެ އަތޮޅުގެ ޒުވާނުންނަށް ވަޒީފާއާއި މަތީ ތަޢުލީމުގެ ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ދިނުމުގެ މަޤްސަދުގައި ބޭއްވި އެ ފެއަރގައި 30 ފަރާތަކުން ބައިވެރިވެ ސްޓޯލު ބަހައްޓާފައިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގދ. ތިނަދޫ ކައުންސިލުގެ ރައީސް، އިބްރާހިމް އައްސަދު ވިދާޅުވީ ތިނަދޫގެ އާބާދީގެ ނިޞްބަތުން 40 ޕަސެންޓަށްވުރެ ގިނަ ފަރާތްތަކަކީ ވަޒީފާ ނެތިފަ ތިބި މީހުން ކަމަށެވެ. އަދި އެ ފެއަރގެ ސަބަބުން ތިނަދޫގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދެވި، އެ ދާއިރާއިން ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު، ފެއަރ ނިމިގެންގޮސްފައިވަނީ ހީކުރި ވަރަށްވުރެ ކާމިޔާބުކަމާއެކު ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައިވެސް އެފެއަރ ބާއްވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ މި ފެއަރ ކާމިޔާބު ވެގެން ދިއުމާއެއްކޮށް މީގެ ބޭނުން ހެޔޮ ގޮތުގަ ހިފައިގެން އަޅުގަނޑަށް މި ދެންނެވުނު ވަޒީފާ ނެތިފަ ތިބި އާބާދީގެ ޕަސެންޓު ދެން އަންނަ އަހަރަކާ ހަމައަށް ދާއިރުގަ މިއަށްވުރެ ބޮޑުތަނެއް ކުޑަ ވެގެން ދިއުން. އުއްމީދަކީ މިއަންނަ އަހަރުގަވެސް ހަމަ މީގެ ފެއަރއެއް ބޭއްވިގެން ދިއުން. މިއަންނަ އަހަރުވެސް މީގެ ފެއަރއެއް ބޭއްވުމުގެ ހަމަ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް އަޅުގަނޑުމެންނަށް،" އައްސަދު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެ ފެއަރ އިންތިޒާމުކުރި ފަރާތްކަމުގައިވާ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް، ޝިފާޒް މުޙައްމަދު ވިދާޅުވީ ފެއަރ ނިމިގެން ދިޔައީ ވަރަށް ކާމިޔާބުކަމާ އެކު ކަމަށެވެ. އެގޮތުން ހާހަކާ ގާތްކުރާ ޢަދަދެއްގެ މީހުން ފެއަރ އަށް ޒިޔާރަތްކުރި ކަމަށާއި ނަމަވެސް އެތަނަށް ޒިޔާރަތްކުރި ޒުވާނުންގެ ޢަދަދު، އުއްމީދު ކުރި ވަރާ އަޅާބަލާއިރު މަދު ކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މީގަ އަދިވެސް ވަރަށް ބޮޑަށް އެބަ ބޭނުންވޭ ޒުވާނުން. އަޅުގަނޑު މި ދަންނަވަނީ ސްކޫލު ނިންމާ ދަރިވަރުންނެއް ނޫން. ހަމަ ޒުވާނުން. ޒުވާނުން މި ފެއަރ އަށް އައުމަށް ބޭނުންވޭ. ހަގީގަތުގަ އަޅުގަނޑުމެން އެންމެ ބޭނުންވާ ވަރަކަށް ޒުވާނުންނެއް އޮންބޯޑެއް ނުވޭ،" ޕްރިންސިޕަލް ވިދާޅުވިއެވެ.

ފެއަރގައި ބައިވެރިވި ފަރާތްތައް ހިތްހަމަ ޖެހިފާހަގަ ކުރައްވާ ޕްރިންސިޕަލް ވިދާޅުވީ، ފެއަރ މެދުވެރިކޮށް ސްކޫލު ދަރިވަރުންނާއި ޒުވާނުންނަށް ވަޒީފާއާއި މަތީތަޢުލީމާ ގުޅޭ މުހިއްމު އެތައް މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވިއްޖެ ކަމަށެވެ. އެހެން ކަމުން ފެއަރގެ މަޤުޞަދު ޙާޞިލު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި "ޖޮބް އެންޑް ކެރިއަރ ފެއަރ 2018" ފެއަރގައި އަތޮޅު ތެރޭގައި ހިންގާ ތިން ރިސޯޓަކުންވެސް ބައިވެރިވެފައިވެއެވެ. އެއީ އަމާރީ ހަވޮއްޑާ މޯލްޑިވްސް އާއި ރޮބިންސަން ކްލަބް މޯލްޑިވްސް އާއި ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓެވެ. އެ ރިސޯޓުތަކުގައި ހުރި ވަޒީފާއާއި، އިންޓާންޝިޕް ޕްރޮގްރާމްތަކުގެ މައުލޫމާތުވެސް ފެއަރ މެދުވެރިކޮށް ވަނީ ފޯރުކޮށްދީފައެވެ.

މަތީ ތަޢުލީމުގެ ދާއިރާއަށް ޒުވާނުން ހޭލުންތެރިކުރުވުމުގެ ބޭނުމުގައި ބޭއްވި އެ ފެއަރގައި އެ ދާއިރާގެ ހަ ފަރާތަކުން ބައިވެރިވެފައިވެއެވެ. އެއީ ރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި އިސްލާމިކް ޔުނިވާސިޓީ، ވިލާ ކޮލެޖު، އަދި އެމްއައި ކޮލެޖުގެ އިތުރުން ޓިވެކާއި އެވިޑް ކޮލެޖެވެ.

އެ ފެއަރގައި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުންވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން ދަނޑުވެރިކަމާއި އަތްތެރިމަސައްކަތްތަކާއި އެނޫންވެސް އެފަދަ އަމިއްލަ ވިޔަފާރިކުރާ އަމިއްލަ ފަރާތްތަކުންވެސް ބައިވެރިވެފައިވެއެވެ. އެފަރާތްތަކަށްވެސް ބޭނުންވަނީ ވިޔަފާރި ކުރިއެރުވުމަށްޓަކައި ރަނގަޅު މާކެޓެއް ހޯދުމެވެ.

ފެއަރގައި ބައިވެރިވި ފަރާތްތަކަށް އެ ފެއަރގައި ބައިވެރިވި މަޤްޞަދު ޙާސިލުވެފައިވާއިރު ފެއަރއަށް ޒިޔާރަތް ކުރި ފަރާތްތަކަށްވެސް ފެއަރ ވެގެން ދިޔައީ ނުހަނު ބޭނުންތެރި އަދި މުހިއްމު މަޢޫލޫމާތުތަކެއް ލިބިގެން ދިޔަ ފެއަރ އަކަށެވެ. މުޅި ހުވަދު އަތޮޅުގައިވެސް ބޭއްވުނު އެފަދަ ފުރަތަމަ ފެއަރ ފުރިހަމަކަމާއެކު ނިމިގެން ދިޔައިރު އޭގެ އިތުރު ފެއަރތަކެއް ބޭއްވުމަކީ މުހިއްމުކަމެއް ކަމުގައި ފެއަރއަށް ޒިޔާރަތްކުރި ފަރާތްތަކުން ދެކެއެވެ.

އަތޮޅުތަކު ތެރޭގައި ރަށްރަށުގައި ދިމާވާ އެންމެ ބޮޑު އެއް އިޖުތިމާޢީ މައްސަލައަކީ ޒުވާނުންނަށް ވަޒީފާ ނުލިބޭ މައްސަލައާއި މަތީ ތަޢުލީމު ޙާޞިލުކުރަން ހުރި ހުރަސްތަކެވެ. އަދި އެފަދަ ފުރުޞަތުތައް ފަހިވެފައި އޮންނަ މުޖުތަމަޢުތަކުގައި ޒުވާނުން އެފަދަ ފުރުޞަތުތަކުގެ ބޭނުން ނުހިފާކަންވެސް ފާހަގަކުރެވެއެވެ. ސަބަބަކަށް ވެފައި އޮންނަނީ ހޭލުންތެރިކަން ދަށްވުމެވެ. މަތީ ތައުލީމާ ބެހޭ ގޮތުން މައުލޫމާތު ދީ، ޒުވާނުން ހޭލުންތެރިކުރުވުމަށް ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް ބޭއްވުމަކީ ހަރުދަނާ މުޖްތަމަޢެއް ބިނާ ކުރަން އެޅިދާނެ ރަނގަޅު ފިޔަވަޅެކެވެ.