ޚަބަރު

ރައީސް ނަޝީދުގެ ތަޢުރީފް ޝައިޚް އިމްރާނާއި ޤާސިމަށް


ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމަކީ އަގު ނުކުރެވޭވަރުގެ އިސްލާހީ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ދެ ބޭފުޅުންކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ޝައިޚް އިމްރާނާއި ޤާސިމް އިބްރާޙީމާ ވަކިވަކިން ކުރެއްވި ބައްދަލުކުރެއްވުންތަކަށްފަހުއެވެ.

ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް ޢިމްރާންގެ ދެކަނބަލުންނާއެކު ރައީސް ނަޝީދު ބޭއްވެވި ބައްދަލުކުރެއްވުމުގެ ފޮޓޮއެއް ޙިއްސާކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި އަނިޔާވެރިކަމާއި ދެކޮޅަށް އެންމެ ފިޔަވަޅެއް ވެސް ފަހަތައް ޖެހިވަޑައި ނުގެން ޝައިޚް އިމްރާން ކުރެއްވި މަސައްކަތުން ބޮޑު ހިތްވަރެއް ލިބުނު ކަމަށެވެ. އަދި އިމްރާނުގެ އަނބިކަނބަލުންގެ މަސައްކަތާއި ހިތްވަރަށް ސާބަސް ދަންނަވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމަށްފަހު ޝައިޚް އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދު ރައްޔިތުންނަށްޓަކައި ވެ ވަޑައިގެންފައިވަނީ އަދާޔާ ޚިލާފު ޤުރުބާނީއެއް ކަމަށެވެ. އަދި އެމަނިކުފާނާ ބައްދަލުވެ ޚިޔާލު ބައްދަލުކޮށްލެވުމަކީ ލިބުނު ނުހަނު ބޮޑު އުފަލެއް ކަމަށްވެސް ޝައިޚް އިމްރާން ވަނީ ވިދާޅުވެފައެވެ.

ޝައިޚް އިމްރާނުގެ އިތުރުން ރައީސް ނަޝީދު ވަނީ ޤާސިމް އިބްރާޙީމާވެސް ބައްދަލުކުރައްވާފައެވެ. މިއީ މަޖިލިސް ރައީސްކަމަށް ޤާސިމް އިންތިޚާބުވެވަޑައިގެންނެވި ފަހުން ރައީސް ނަޝީދާއި މިފަދަ ގޮތަކަށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ރައީސް ނަޝީދާއި މަޖިލީހުގެ ރައީސް ބައްދަލު ކުރެއްވި ނަމަވެސް އެ ބައްދަލުވުމާއި ގުޅޭ ތަފްޞީލު ހާމަކުރައްވާފައެއް ނުވެއެވެ.

ޤާސިމް އިބްރާޙީމާ ބައްދަލުކުރެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިސްލާޙީ މަސައްކަތުގައި ޤާސިމް ފެށުނީއްސުރެ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ އަގު ނުކުރެވޭނެ ފަދަ ޚިދުމަތެއް ކަމަށެވެ. އަދި ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ބޮޑު ކަމަށާއި މަޖިލީހުގެ ރައީސާއެކު އެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.