ޚަބަރު

އެމްޑީޕީ ކެނޑިޑޭޓުން ކަނޑައަޅާނީ ޕްރައިމަރީއަކުން - ރައީސް ނަޝީދު


ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އެމްޑީޕީން ވާދަކުރާ ފަރާތްތަކަށް ޓިކެޓްދޭން ފެންނަނީ ޕްރައިމަރީއެއް ބާއްވައިގެންކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް ލީޑަރު މުޙައްމަދު ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ނުގެއްލޭކަމަސް ދާދިފަހުން ސުޕްރީމް ކޯޓުން ޙުކުމްކުރި 12 މެންބަރުންނާ ބައްދަލުކުރައްވައި ޕްރައިމަރީއަކާ ނުލައި ޓިކެޓު ދިނުމާ ގުޅޭގޮތުން އެ މެމްބަރުންނާ މަޝްވަރާކުރައްވާފައިވާތީ ސޯޝަލްމީޑިއާގައި ބައެއް ފަރާތްތަކުން އެކަމަށް ފާޑުކިޔާފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ޓިކެޓް ދިނުމުގައި ރަނގަޅުގޮތަކީ އަދި ޑިމޮކްރަސީގެ ރީތި ގޮތަކީވެސް ޕްރައިމަރީ އެއް ބޭއްވުންކަމަށްބުނެ ބައެއްފަރާތްތަކުން ޝުޢޫރުފާޅުކުރަން ފަށާފައިވާއިރު، މިކަމާއި ގުޅޭ ގޮތުން ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، މަޖިލީހުގެ ގޮނޑިއަށް ވާދަކުރާ ކެނޑިޑޭޓުންނަށް ޕްރައިމަރީއެއް ބާއްވައިގެން ޓިކެޓް ދެނީ ދުނިޔޭގެ ވަރަށް މަދު ސިޔާސީ ޕާޓީތަކުންކަމަށެވެ. އަދި މިކަމަކީ ފައިދާއާ ގެއްލުންވެސް ހުރިކަމެއްކަން އެމްޑީޕީންވެސް ތަޖުރިބާކޮށްފައިވާ ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ދެންވެސް އެޕާޓީގެ ޓިކެޓް ދޭން ފެންނަނީ ޕްރައިމަރީއެއް ބާއްވައިގެންކަމަށެވެ. ނަޝީދުގެ މި ޓުވީޓުގައި އެމްޑީޕީ ހިންގުމުގައި ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރަށް މުހިއްމުކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުން މަޖިލީހުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ 12 މެންބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަށް ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން އެއްބަސްވެފައިވާ ކަމަށް ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުވެސް ވަނީ ވިދާޅުވެފައެވެ.
އެމެންބަރުންނާއި ބައްދަލުކުރައްވައި ރައީސް ނަޝީދުވެސް ވަނީ އެބޭފުޅުންގެ ގޮނޑި ދިފާއުކުރައްވައި ދާއިރާގެ ރައްޔިތުންގެ ޙައްޤުގައި ކުރެއްވި މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަށް ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން ބާރުއަޅާނެކަމަށް ރައީސް ނަޝީދުވަނީ އެމެންބަރުންނާ ޙިއްޞާކޮށްފައެވެ.