ޚަބަރު

އަންނަ އަހަރު އެމްއެންޔޫ ތިނަދޫ ކޭމްޕަހުގައި އާ ތިން ކޯހެއް ފަށަނީ


އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގދ. ތިނަދޫ ކެމްޕަހުގައި އާ ތިން ކޯހެއް ފަށަން ހަމަޖެހިއްޖެއެވެ.

ތިނަދޫގައި ބޭއްވި ޖޮބް އެންޑް ކެރިއަރ ފެއަރގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެ ކެމްޕަހުގެ ސްކޫލް އޮފް ނަރސިންގެ ލެކްޗަރަރ އަދި ކޯޑިނޭޓަރ، ޖީޒާ ހަސަން ވިދާޅުވީ އެ ކެމްޕަހުގައި ޔުނިވަރސިޓީގެ 8 ފެކަލްޓީއެއްގެ ތަފާތު ކޯސްތަކެއް ކުރިއަށް ގެންދާ ކަމަށެވެ. އަދި 2019 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް އަލަށް ފަށާ ކޯސްތަކަކީ، މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި ޑިޕްލޮމާއިން ޖާނަލިޒަމް އަދި ޑިޕްލޮމާ އިން ލައިބްރަރީ އިންފޮމޭޝަންކަމަށް އޭނާ ވިދާޅުވި އެވެ.

"ނޭޝަނަލް ޔުނިވަރސިޓީ ތިނަދޫ ކެމްޕަހުގަ ތަފާތު އަށް ފެކަލްޓީއަކުން ކޯސްތައް ކުރިއަށް އެބަ ގެންދަން. އެގޮތުން އެޑްވާންސް ލެވެލްއިން ފެށިގެން ގޮސް މާސްޓަރސްއާ ހަމައަށް ކޯސްތައް ކުރިއަށް އެބަ ގެންދަން. އެގޮތުން އަންނަ އަހަރު ޖެނުއަރީގަ އަލަށް ފެށޭ ކޯސްތަކުގެ ގޮތުގަ މި ހިމެނެނީ ބިޒްނަސް ސްކޫލުން މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން. ފެކަލްޓީ އޮފް އާރޓުން ޑިޕްލޮމާ އިން ޖާނަލިޒަމް އަދި ޑިޕްލޮމާއިން ލައިބްރަރީ އިންފޮމޭޝަން. މިއީ އަލަށް ފެށޭ ތިން ކޯސް،" ޖީޒާ ވިދާޅުވިއެވެ.

ޖީޒާ ވިދާޅުވި ގޮތުގައި ތިނަދޫ ކެމްޕަހުގައި ކޯސްތައް ފަށަނީ ކޮންމެ ކޯހަކަށްވެސް 15 ނުވަތަ 20 ކުދިން ހަމަވުމުންނެވެ.

ޔުނިވަރސިޓީގެ ކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ތިނަދޫ ކެމްޕަހަކީ ނަރސިންއާއި އެނޫންސްވެސް ކޯސްތައް ހެދުމަށްޓަކައި ރާއްޖޭގެ ކަންކޮޅުތަކުން ދަރިވަރުން އަންނަ ކެމްޕަހެކެވެ. އެގޮތުން އެރަށުގައި ޔުނިވަރސިޓީގެ ދަރިވަރުންނަށް ޚާއްސަ ދަނާލެއްވެސް ވަނީ ޤާއިމުކޮށްފައެވެ.