ޚަބަރު

ފަޤީރުންނާ ގުޅޭ ސަރވޭތަކުގެ މަޢުލޫމާތު ކަމާގުޅުހުރި އިދާރާތަކާ ޙިއްސާކޮށްފި


ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރި ގޮތުގެ ސަރވޭ 2016 ގައި ހިމެނޭ މަސައްކަތްތެރިންނާއި ގުޅޭ ދިރާސާއާއި ފަގީރުންގެ ނިސްބަތް ދެނެގަތުމަށް ހެދި ދިރާސާތަކުގެ މަޢުލޫމާތު ކަމާގުޅުންހުރި އިދާރާތަކާ ޙިއްސާކޮށް، ހޭލުންތެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސުން ފަށައިފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ފެށި މިމަސައްކަތު ބައްދަލުވުމުގައި، ސިއްޚީ ދާއިރާއާއި، ސިއްޙީ ދާއިރާގައި މަސައްކަތްކުރާ އިސްފަރާތްތަކުގެ އިތުރުން އދ.ގެ އިދާރާތަކުން ބައިވެރިވިއެވެ. މިބައްދަލުވުމުގައި އެން.ބީ.އެސް އިންވަނީ މިދިޔަމަހު ޢާންމުކުރި ގޭބިސީގެ ޢާމްދަނީއާ ޚަރަދުކުރުން ހުރި ގޮތުގެ ސަރވޭގައި ހިމެނޭ ރާއްޖޭގެ މަސައްކަތްތެރިކަމާއި، ފަޤީރުކަމުގެ މިންގަނޑުގެ ޗެޕްޓަރތައް ބައިވެރިންނަށް ވަރަށް ތަފްސީލީގޮތެއްގައި ހިއްސާކުރައްވާފައެވެ.

މިމަސައްކަތު ބައްދަލުވުމާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަން އާޢިޝަތު ޝަހުދާ ވިދާޅުވީ، އެއިދާރާއިން ކުރިއަށްގެންދާ ސަރވޭތައް ހަމައެކަނި ވެބްސައިޓަށް ލުމަކުން އޭގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފޭގޮތް ނުވާކަމަށެވެ.

އެހެންކަމުން އެއިދާރާއިން ހެދި ސަރވޭތަކުގެ ނަތީޖާތަކަށްބަލައި މަސައްކަތުގެ ދާއިރާގެ ކަންކަން ރަނގަޅުކުރުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކަށް އެމަޢުލޫމާތު ސިލްސިލާގޮތެއްގައި ހިއްސާކުރަމުންގެންދާކަމަށެވެ. އެން.ބީ.އެސްގެ ސަރވޭތަކުން ވަނީ ރާއްޖޭގެ އާބާދީގައި ފަޤީރުންކަން ހިއްސާކުރާ މިންވަރާއި، އެންމެ ފަގީރު މީހުން ދިރިއުޅޭ އަތޮޅުތަކުގެ އިތުރުން، ރާއްޖޭގެ މަސައްކަތެރިންގެ ނިސްބަތާއި، އުމުރުފުރާތަކުގެ އިތުން ވަޒީފާތައް ލިބުމުގައި ދެޖިންސުގެ މީހުންގެ ހުރި ފަރަގު ފަދަ މުހިއްމު ތަފާސް ހިސާބުތައްވަނީ ހާމަވެފައެވެ.

މިވޯކްޝޮޕްގެ ތެރެއިން އެކި އެކި އިދާރާތަކާއި، ހިއްސާކުރަމުންދާއިރު، ސިވިލްސަރވިސް މުވައްޒަފުންނާއި، މީޑިއާތަކާއިވެސް އެފަތާތަުގެ ސަރވޭތަކުގެ ނަތީޖާތަކާގުޅޭ މަޢުލޫމާތު ޙިއްސާކޮށް ހޭލުންތެރިކުރުމަށް ހަމަޖެހިފައިވާކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މަޢުލޫމާތުދެއެވެ.