ޚަބަރު

މިއަދު މަޖިލީހުގެ ހާލަތު އޮތްގޮތުން މަގާމުން ވަކިކުރެވިދާނެ - ރިޒާ


މިއަދު ރައްޔިތުން މަޖިލީހުގެ ޙާލަތު އޮތްގޮތުން މަޤާމުން ވަކިކުރެވިދާނެ ކަމަށާއި ނަމަވެސް އޭނާއަކީ ފިނޑި މީހަކަށް ނުވާތީ މަޤާމުން އިސްތިޢުފާ ނުދެއްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޢައްޔަން ކުރައްވާފައިވާ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވިދާޅުވެއްޖެއެވެ.

ރިޒާ މިހެން ވިދާޅުވީ އޭނާ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަކިކުރަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުޘް ފެށުމުގެ ކުރިން މައްސަލައަށް ޖަވާބުދާރީވުމަށް ދެއްވި ފުރުޞަތުގައި ވާހަކަ ދައްކަވަމުންނެވެ.

ރިޒާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީގެ މެންބަރު ކަމަށް ޢައްޔަންކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާނީ ޤާނޫނުތަކާއި ޤަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ޖޭއެސްސީގައި އިނދެ ބަލާފައިވާ އެއްވެސް މައްސަލައެއްގައި ފިޔަވަޅު އެޅި އެއްވެސް ފަނޑިޔާރަކު، ފިޔަވަޅު އެޅިގޮތަކުން އެއްވެސް ޝަކުވާއެއް މިހާތަނަށް އުފުއްލަވާފައިނުވާ ކަމަށް ރިޒާ ވިދާޅުވިއެވެ.

"ޖޭއެސްސީން ވަކިކުރަން ބޭނުންވަނީ ފަނޑިޔާރުންނާއި ފަނޑިޔާރު ގެތަކަށް ނުފޫޒު ފޯރުވާ ލާދީނީ ފިކުރުތަކަށް ފުރުސަތު ހޯދުން. މަގާމުން ވަކިކުރަން ހުށަހެޅިއިރު މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަންކަމުގެ ތެރެއިން އެއްވެސް މައްސަލައެއްގެ މައުލޫމާތު ސާފުކުރަން މަޖިލީހުން އެދިވަޑައިގެންފައި ނުވޭ." ރިޒާ ވިދާޅުވިއެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް ރިޒާ ޢައްޔަންކުރަން މަޖިލީހުން ރުހުން ދިނީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. ރިޒާ މިމަޤާމަށް ޢައްޔަންކުރައްވާ މަޤާމުގެ ފަތްކޮޅު ދެއްވީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. ރިޒާ މަޤާމުން ވަކިކުރުމުގެ މައްސަލައަށް ވޯޓަށް އަހާނީ މިއަދު 1:30 ގައި ވޯޓަށް އެހުމަށް އޮންނަ ވަގުތުގައެވެ.