ޚަބަރު

އަބުރުގެ ޤާނޫނު އުވާލަން ބަލައިގަނެ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް


އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލަން ހުށަހަޅާފައިވަ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލަން ޕާޓީތަކުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދެވެ. މިބިލު ބަލައިގަތުމަށް ފާސްވީ 48 މެމްބަރުންގެ ވޯޓާއެކުއެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓު ދެއްވިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގިނަ ކަންތައްތަކެއް ހިމަނާފައިވާއިރު، މިކަންކަމަށް ވަނީ ބަހުޘަކޮށް ވޯޓަށްވެސް އަހާފައެވެ. އެގޮތުން އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމުގެ ބިލަށް ބަހުޘްކޮށް ވޯޓަށް އަހާފައިވާއިރު، ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ ކޮމިޝަނުގެ ބިލާއި ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުޘްމާނު ހުށަހަޅުއްވާފައިވާ ރާއްޖޭގެ ބޭންކިންއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުޘްކުރުން ވަނީ ކުރިއަށްގެންގޮސްފައެވެ.

މީގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ހުށަހަޅުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ކަނޑައަޅާފައިވާ މެންބަރު ގުރައިދޫ ދައިރާގެ މެންބަރު އިބްރާހީމް ރިޒާ ޤާނޫނު ޢަސާސީގައިވާ ގޮތުގެ މަތިން މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ މަޖިލީސް ތަޅުމަށް ހުށަހަޅައި ބަހުޘް ކުރުމަށްފަހު ވޯޓަށް އަހައި ސާފު އަޣްލަބިއްޔަތުން ރިޒާ ވަނީ މަޤާމުން ވަކިކޮށްފައެވެ.

އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހެޅުއްވި ޤަރާރަށްވެސް ވަނީ ބޮޑު އަޣްލަބިއްޔަތަކުން ފާސްކޮށްފައެވެ. އެ ޤަރާރު ފާސްކުރުމަށް 57 މެންބަރަކު ފެންނަކަމަށް ވޯޓު ދެއްވިއިރު، ނުފެންނަކަމަށް ނުވަ މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.