ޚަބަރު

ކައުންސިލްތަކުގެ މަސައްކަތްތައް އެކަށީގެންވާ ގޮތުގައި ކުރެވިފައިނުވަނީ ސަރުކާރުން ދަތިކުރުމުން - ލާމަރުކަޒީ ކޮމެޓީ


ލާމަރުކަޒީ ނިޒާމްގެ ތެރެއިން ރަށްރަށަށް ލިބެންޖެހޭ ކުރިއެރުން ނުލިބި އެނިޒާމު ބޮއްސުންލައިގެން ގޮސްފައިވާކަމަށާއި، އެގޮތަށް ދިމާވީ ކައުންސިލަރުންނަށް ސަރުކާރުން ކުރިމަތިކުރުވި އެކިކަހަލަ ދަތިތަކުގެ ސަބަބުންކަމަށް ޓްރާންސިޝަން ކޮމިޓީން ބުނެފިއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހާލާގައި ކަންކަން ބެލުމަށް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެންބަރުން ހިމެނޭގޮތަށް އެކުލަވާލި 21 މެންބަރުންގެ ލާމަރުކާޒީ ކޮމެޓީން ކުރިއަށްގެންދިޔަ މަސައްކަތްތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމެޓީގެ ފަރާތުން ވާހަކަފުޅުދައްކަވަމުން މާލޭ ސިޓީގެ ކުރީގެ މޭޔަރ މުޙައްމަދު ޝިޙާބު ވިދާޅުވީ، ކައުންސިލްތަކުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށާއި ރަށްރަށުގެ ކުރިއެރުމަށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ލިބެންޖެހޭ ކުރިއެރުންތައް ނުލިބުމުގެ މައިގަނޑު އެއް ސަބަބަކީ، ތަފާތު އެކި ކަންކަމުގައި ގިނަ އަދަދެއްގެ ކައުންސިލަރުން ސަސްޕެންޑުކޮށް މަސައްކަތާއި ދުރުކުރުން ކަމަށެވެ.

ޝިހާބް ވިދާޅުވީ، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިތުރުން ލޯކަލް ގަވަރމެންޓް އޮތޯރިޓީ އާއި ކަމާއި ގުޅުންހުރި އިދާރާތަކާއި ކޮމެޓީން މަޝްވަރާކުރި ކަމަށާއި ކައުންސިލްތަކުގެ ބާރުތައް ސަރުކާރަށް ނެގުމާއި، އެކަށީގެންވާ ބަޖެޓެއް ނެތުމުގެ އިތުރުން މުވައްޒަފުން މަދުވުމުގެ ސަބަބުންވެސް ކައުންސިލްތަކުގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާކަމަށެވެ.

"އިންތިޚާބު ކުރެވިފައިވާ ވަރަށް ގިނަ ކައުންސިލަރުން، މިވެތުވެދިޔަ އެކިއެކި ދުވަސްވަރުގައި، މިވެތުވެދިޔަ 2 އަހަރެއްހާ ދުވަސްތެރޭގައި ސަސްބެންޑުކުރެވެމުން ގޮސްފައި އޮތީ. މާލޭގެ މުޒާހަރާއަކަށް އައިސްފިއްޔާ ސަސްޕެންޑުކުރެވިދާނެ. އެބޭފުޅުންގެ އަމިއްލަ ކެޕޭސިޓީގައި މަސައްކަތްކޮށްފިއްޔާ ސަސްޕެންޑް ކޮށްފާނެ. ވަކި ޕާޓީއެއްގެ އިންތިޚާބެއްގައި އިސްކޮށް އުޅުއްވައިފިއްޔާ ސަސްޕެންޑް ކުރެވިފައިވަނީ. މިހެން ގޮސް މިވޭތުވެދިޔަ ތަނުގައި ސަތޭކަ އެތައް ކައުންސިލަރުންނެއް އެކި މުއްދަތުތަކަށް ސަސްޕެންޑް ކުރެވިފައި ހުރީ. އެހެންވީމަ މިކައުންސިލަރުންގެ ރަށްރަށް ބޭނުންވެފައިވާ ކަންތައްތައް ނުކުރެވިފައިވާ އެންމެ ބޮޑު އެއް ސަބަބަކީ އެބޭފުޅުންގެ މަސައްކަތްތަކަށް މި ސަރުކާރުން ދަތިތައް ކުރިމަތިކުރުވާފައިވާތީ" ޝިޙާބް ވިދާޅުވިއެވެ.

ޝިހާބު ވިދާޅުވީ ޤާނޫނެއްގެ ދަށުން އުފައްދަންޖެހޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް ގިނަ ރަށްރަށުގައި އަދިވެސް އުފެދިފައި ނުވާކަމަށާއި، ކޮމެޓީތައް އުފެދިފައިވާ ރަށްރަށުގައިވެސް ކޮމެޓީތަކަށް މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހަމަޖެހިފައިނުވާކަމަށެވެ.

ލާމަރުކަޒީ ކޮމެޓީގައި ހިމެނޭ މާލެ ސިޓީ ކައުންސިލްގެ މިހާރުގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވީ، ކޮމެޓީން ބެލި ބެލުމުން ލާމަރުކާޒީ ނިޒާމް ހަލާކުކޮށްލުމުގެ ވިސްނުމެއްގައި ކަންކަން ކުރެވިފައި ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ބާރުތައް ސަރުކާރަށް ނަގައި، ކައުންސިލްތަކަށް ކަންކަމުގެ އަޑު ނުއުފުލޭގޮތަށް ހަދައި ބޭރުގެ ފަރާތްތަކާއި މުއާމަލާތުކުރުމުގެ ފުރުސަތުވެސް ނިގުޅައިގެންފައިވާކަމަށް ޝިފާ ވިދާޅުވިއެވެ.

ލާމަރުކަޒީ ކޮމެޓީން ބުނީ ލާމަރުކާޒީ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިންތިޚާބީ ރައީސްގެ ވެރިކަމުގެ 100 ދުވަހު ކުރައްވާނެ ކަންކަން ދެނެގަތުމަށް ރިޕޯޓެއް އެކުލަވާލާފައިވާކަމަށެވެ. އަދި މިހާރު ބޮށްސުންލާފައިވާ މި ނިޒާމު ހަރުދަނާކޮށް ޖަޒީރާ ރާއްޖެވަންތަ ޤައުމު ހިންގުމަށް ލޯކަލް ކައުންސިލްތައް ކުރިއެރުވުމަށް އިންތިޚާބީ ރައީސް އިބްރާޙިމް މުޙައްމަދުގެ ސަރުކާރުގައި އިސްކަންދޭނެކަމަށެވެ.