ޚަބަރު

އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރުކަމުގެ މަޤާމުން ޑރ.ޝަހީމް އިސްތިއުފާދެއްވައިފި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރު ކަމުގެ މަޤާމުން ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު އިސްތިއުފާދެއްވައިފިއެވެ. ޑރ.ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައި.ޔޫ.އެމްގެ ޗާންސެލަރުކަމުން އިސްތިއުފާދެއްވާފައިވާކަމަށާއި، މަޤާމެއްގައި ނެތަސް އިސްލާމް ދީނާއި، ދިވެހި ޤައުމާއި، އިސްލާމީ އުންމަތަށް ޚިދުމަތްކުރުންމަތީ އަބަދުވެސް ދެމި ހުންނަވާނެކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ހަޔާތުގެ އެންމެ މަތިވެރި އަޒުމްކަމަށްވެސް ޑރ.ޝަހީމް ވިދާޅުވެފައިވެއެވެ.

ކުރީގެ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، ރާއްޖޭގެ ފުރަތަމަ އިސްލާމިކް ޔުނިވަރސިޓީއަށް ބަދަލުކުރުމުގައިވެސް މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ޑރ.ޝަހީމް އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރު ކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ، އެޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމުގެ މަޤާމުގައި ހުންނަވަނިިިކޮށް 2016 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައެވެ. އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރުކަމުގައި ހުންނަވައިގެން މިވީ ދުވަސްތަކުގެ ތެރޭގައި ޑރ.ޝަހީމް ވަނީ ޢަރަބި އިސްލާމީ ޤައުމުތަކުގެ ފުރިހަމައެއްބާރުލުން އެ ޔުނިވަރސިޓީއަށް ހޯއްދަވައި، ޔުނިވަރސިޓީގައި އެކި ދާއިރާތަކުން މަތީތައުލީމު ހާސިލްކުރެވޭނެ މަގުފަހިކޮށްދެއްވާފައެެވެ.

ރައީސް ނަޝީދާއި، ރައީސް ވަހީދުގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގައިވެސް އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވާ ޑރ.ޝަހީމް، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރަނިން މޭޓްގެ ގޮތުގައި ނިކުންނަވައި އިންތިޚާބުގައި ނާކާމިޔާބުވުމުން ވިދާޅުވީ، އިންތިޚާބަށްފަހު ހަމަހިމޭންކަން އިޚްތިޔާރު ކުރެއްވީ ޤައުމުގެ ސުލްހައަށް ޖާގަ ދެއްވުމަށް ކަމަށެވެ. އަދި އެމަނިކުފާނު ސިޔާސީ މައިދާނުން އެކަހެރިވެ ވަޑައިނުގަންނަވާކަމަށްވެސް ޑރ.ޝަހީމު ވިދާޅުވެފައިވެއެވެ.