ޚަބަރު

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް - ޓްރާންސިޝަން ކޮމެޓީ


އައިލެންޑް އޭވިއޭޝަނުން ދެމުންދާ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޚިދުމަތުގެ އަގު މިހާރަށްވުރެ ހެޔޮކުރެވޭނެކަމަށް ޓްރާންސިޝަން ކޮމެޓީން ބުނެފިއެވެ.

ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ހިންގުމާއި މަސައްކަތްތައް ދިރާސާކުރުމަށް އެކުލަވާލި ކޮމެޓީގެ ފާރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމެޓީގެ ފާރާތުން ވާހަކަފުޅުދައްކަވަމުން އިލްޔާސް ލަބީބު ވިދާޅުވީ، އައު ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުމުގެ ވައުދު ފުއްދުމުގެ މަސައްކަތް ސަރުކާރާ ހާވާލުވާ ހިސާބުންފެށިގެންވެސް ކުރުމަށް މަސައްކަތްކުރާނެކަމަށެވެ.

އޭނާ ވިދާޅުވީ މިކަމަށް ބޭނުންވާ މަޢުލޫމާތު އައިލެންޑް އޭވިއޭޝާނުން ޓްރާންސިޝަން ކޮމެޓީއަށް އެންމެ ފުރިހަމަގޮތުގައި ލިބިފައިނުވާކަމަށް. އެހެންނަމަވެސް އެކޮމިޓީން ހޯދި ހޯދުންތަކުން އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ހެޔޮކުރުމަކީ ކުރެވޭނެކަމެއްކަން ހާމަވެފައިވާކަމަށް އޭނާ ވިދާޅުވި. އަދި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރެއްވުމަށް އިންތިޚާބީ ރައީސް ވެވަޑައިގެންނެވި ވަޢުދު ފުރިހަމަކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށްވެސް އޭނާ ވިދާޅުވި.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އިލްޔާސް ލަބީބު ވިދާޅުވީ، ސަރުކާރު ބަދަލުވެ އައު ބޯޑު އެކުލަވާލެވުމާއެކު ވެލާނާއިންޓަރ ނެޝަނަލް އެއަރޕޯޓުގެ ތަރައްޤީއަށް ފަށާފައިވާ މުހިއްމު މަޝްރޫޢުތައް ނިންމުމަށް މުހިއްމު މަސައްކަތައް ފަށަންޖެހޭކަމަށެވެ. އެގޮތުން އައު ރަންވޭއާ އެކު ހަދާ ފޕެސެންޖަރ ޓާމިނަލްގެ މަސައްކަތައް ނިންމުމާއި، އައު ރަންވޭ ވީހާވެސް އަވަހަށް ބޭނުންކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.