ޚަބަރު

ޕީއެސްއެމްގެ "ޓީވީއެމް ޖޫނިއަރ" ޗެނަލް ލޯންޗުކޮށްފި


ޕަބްލިސް ސާވިސް މީޑިއާއިން ކުޑަކުދިންނަށް ޚާއްސަކޮށްފައިވާ "ޓީވީއެމް ޖޫނިއަރ" ޗެނަލް ލޯންޗުކޮށްފިއެވެ.

ޓީވީއެމްގައި ބޭއްވި ޙަފްލާއެއްގައި މި ޗެނަލް ލޯންޗުކޮށްދެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފާއި ޕީއެސްއެމްގެ ބޯޑު އޮފް ޑިރެކްޓާރސްގެ ޗެއާރޕާސަން މަރިޔަމް އަޒްރާ އަހުމަދެވެ.

"ޓީވީއެމް ޖޫނިއަރ" ލޯންޗުކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުން ޑީއެމްޑީ މުޙައްމަދު އިކްރާމް ވިދާޅުވީ ޕީއެސްއެމްއަކީ ޒަމާނީ ވަސީލަތްތަކާއެކު އާންމު ރައްޔިތުންނާ ހަމައަށް އެންމެ ތާޒާކަމާއެކު ތަފާތު ކޮންޓެންޓްތައް ގެނެސްދިނުމަށް މަސައްކަތްކުރަމުންދާ ކުންފުންޏެއް ކަމަށެވެ.

އެގޮތުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ފެށި ޓީވީއެމް ޖޫނިއަރ ޗެނަލަކީވެސް އިސްލާމް ދީނާއި، ދިވެހި ޤައުމިއްޔަތަށް، ތުއްތު ކުދިންގެ ހިތްތަކުގައި ލޯބި ޖައްސުވައި ފައިދާހުރި މައުލޫމާތުތަކެއް ލިއްބައިދޭނެ ޗެނަލަކަށް ވެގެންދާނެ ކަމަށް އިކްރާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް އަމާޒަކަށްވީ ދިވެހި ބަހުން ކާޓޫނު އުފެއްދުން. މިއީ ބޮޑުކަމެއް. އެނގިވަޑައިގަންނަވާނޭ ފަދައިން ރޭޑިއޯގެ ވަރަށް ގިނަ ޕްރޮގްރާމްތައް އެބަހުރި ކުޑަކުދިންނަށް ޚާއްސަކޮށްގެން. އަޅުގަނޑުމެންގެ އަމާޒަކަށްވީ ވީއެންމެ އަވަހަކަށް ކުޑަކުދިންގެ ޗެނަލަކަށް ދިއުން."

މުޙައްމަދު އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ މި ޗެނަލް މެދުވެރިކޮށް ކުޑަކުދިންގެ ތަފާތު އެކިހުނަރުތަކާއެކު މުޅިންވެސް ފެނިގެންދާނީ ދިވެހި އުފެއްދުންތައް ކަމަށެވެ.

ޓީވީއެމް ޖޫނިއަ ޗެނަލް މެދުވެރިކޮށް ކޮންމެ ދުވަހެއްގެވެސް ހަވީރުގެ ދަންފަޅީގައި ތުއްތުކުދިންނަށް ޚާއްސަ އެކި ޕްރޮގްރާމްތަކާއި ދިވެހި ކާޓޫނު އަދި ރޭޑީއޯއިން މީގެ ކުރިން ގެނެސްދީފައިވާ "އެބައުޅޭ އެބައުޅޭ"، އަދި "އެއްސަހަރެއްގައި" ފަދަ ވާހަކަތައް އެނިމޭޓްކޮށްގެން ދިވެހި ބަހުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންމެ ބަންދު ދުވަހެއްގެ ހެނދުނު 9 އިން 10 އަށްވެސް މި ޗެނަލްގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޓީވީއެމް ޖޫނިއަރ ބްރޭންޑް ރަސްމީކޮށް ލޯންޗުކޮށްފައިވަނީ އޮގަސްޓްމަހުގެ 13ވަނަ ދުވަހުއެވެ.
މިޙަފްލާގައި ޕަބްލިކް ސާވިސް މީޑިއާގެ ބޯޑުގެ މެމްބަރުންނާއި ކޮންޓެންޓް މެނޭޖަރުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.