ޚަބަރު

ރައީސް ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ގިނަ ކަންތައްތަކެއް


އައު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ކޮށްދެއްވަން ނިންމަވާފައިވާ މުހިންމު ގިނަ ކަންތައްތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އިޢުލާން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައި ކުރެއްވުމަށްފަހު ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނާފައިވާ ގިނަ ކަންތައްތަކެއް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮށްދެއްވާނެކަން އިޢުލާން ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާން ކުރެއްވި ކަންކަމުގެ ތެރޭގައި ކަރަންޓްގެ އަގު ހެޔޮކުރުމާއި، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި، ސްކޫލްތަކުގެ ދަރިވަރުންނަށް ހިލޭ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށުމާއި، ޙައްޖުގެ އަޅުކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭގޮތް ހެދުމާއި، ރާއްޖޭގެ މަސްކަނޑުތަކުން ބޭރުގެ ފަރާތްތަކަށް މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުން ހުއްޓާލުމާއި، ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުން ހިމެނެއެވެ.

ގްރީން ޓެކުހުގެ ގޮތުގައި ނަގާ ފައިސާއަކީ ތިމާވެށި ޙިމާޔަތް ކުރުމަށް ހޭދަކުރާ ފައިސާކަމަށް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހައްދަވާނެ ކަމަށާއި، ކައުންސިލްތައް މެދުވެރިކޮށް، އިތުބާރުހިފޭ ހައުސިންގ ނީޑް އެސެސްމަންޓެއް ހަދައި، ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކުރައްވާނެކަމަށް އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާންކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް މުޅި ރާއްޖެއަށް ދޭންފެށުމާއި، ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓެއް އުފައްދުމާއި، ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާއަށް އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާއި، ކައުންސިލްތަކުން ހިފަހައްޓާފައިވާ ބާރުތައް އަންބުރައި ދިނުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފާއިތުވި 5 އަހަރު ދިވެހިރާއްޖެ ވަނީ ބައިނަލްއަޤްވާމީ މުޖުތަމައުން އެކަހެރިވެފައި ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި އެގުޅުން ބަދަހިކުރައްވާނެކަމަށެވެ. ޚާއްޞަގޮތެއްގައި ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުން ބަދަހިކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ޚާރިޖީ ސިޔާސަތުގައި އެންމެ މަތީ މަސްލަޙަތު އިސްކުރައްވާނެކަމަށާއި، އައު ސަރުކާޜުގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވާނީ އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީއާއި، ކްލައިމެޓްޗޭންޖް ޑިޕްލޮމަސީގެ މައްޗަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގުޅިފައިވާ ބަދަހި އިއްތިހާދަކާއެކު، އުފައްދާފައިވާ ސަރުކާރު ވެގެންދާނީ، ހުރިހާ ދާއިރާއަކުން ރާއްޖެއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ގެނެސްދޭނެ ސަރުކާރަކަށް ކަމަށާއި، ރައްޔިތުންނަށް އިންސާފުވެރި ހެޔޮ ވެރިކަމެއް ކޮށްދޭނެ ސަރުކާރަކަށް އައު ސަރުކާރު ވެގެންދާނެކަމަށެވެ. އަދި ތަފާތު ސިޔާސީ ފިކުރުތައް ބަދަހިކަމާއެކު ހިފެހެއްޓުމަށް ކުރަންޖެހޭ އެއްވެސްކަމެއް ނުކޮށް ދޫކޮށްނުލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ނާއިބު ރައީސް ފައިޞަލް ނަސީމް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި، ކުރިން ރައީސްކަން ކުރެއްވި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ބައިވެރިވެވަޑައިގެންފައިވެއެވެ. މި ރަސްމިއްޔާތުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންފައެއްނުވެއެވެ.