 
										
			އައްޑޫ
ސިޓީ ހިތަދޫގައި އެޗްއާރުސީއެމްގެ އޮފީހެއް ރަސްމީކޮށް ހުޅުވައިފިއެވެ.
 
މި އޮފީސް
ހުޅުވައިދެއްވީ މިކަމަށްޓަކާ ހިތަދޫގައި ބޭއްވި 
ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބް ޑރ މުހައްމަދު ޖަމީލު
އަހުމަދުއެވެ. އެޗްއާރްސީއެމް އޮފީސް ހުޅުވާދެއްވުމުގެ ރަސްމިއްޔާތުގައި
ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ އިންސާނީ ހައްގުތަކަށް މަސައްކަތް
ކުރާ ޖަމާތްތަކާ ފަރުދުންގެ މަސައްކަތް ފުޅާވެ މަސައްކަތް ފެތުރިގެން ދިޔުމަކީ
އެކަމުން ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނެކަމެއް ކަމަށެވެ. އަދި
އައްޑޫގައި ހުޅުވިގެން ދިޔަ އޮފީހަކީ އެޗްއާރްސީއެމްގެ މަސައްކަތް ދެކުނުގެ
އަތޮޅުތަކަށް އަމާޒުކޮށްގެން ކުރިޔަށްދާނެ އޮފީހަކަށް ވެގެންދާނެ ކަމަށް ނައިބް ރައީސް
ވިދާޅުވިއެވެ.
 
މި
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްއާރްސީއެމްގެ ރައީސާ މަރިޔަމް އަޒްރާ
ވިދާޅުވީ އެޗްއާރްސީއެމުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި
ކަންކޮޅުތަކުގައި އުޅޭ ފަރާތްތަކަށް ވީހާވެސް ގާތުން އިންސާނީ ހައްގުތައް ފޯރުވައިދިނުމަށް
ކަމަށެވެ. އެގޮތުން އުތުރުގައިވެސް އެޗްއާރްސީއެމްގެ އޮފީހެއް ޤާއިމް ކުރެވިގެންދާނެ
ކަމަށް އަޒްރާ ވިދާޅުވިއެވެ.
 
އައްޑޫ ސިޓީގައި ޤާއިމް ކުރެވުނު އޮފީހުގެ ސަބަބުން ދެކުނު
ހަތަރު އަތޮޅުތަކުގެ މައްސަލަތައް އެ އޮފީހުން ބަލައި  މައި އޮފީހުން ދެމުންދާ ޚިދުމަތްތައް މި
އޮފީހުން ދެވިގެންދާނެ ކަމަށް އެޗްއާރްސީއެމުން މައުލޫމާތުދެއެވެ.