ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ރޫޅާލި ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ ކުރިން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް އާޓްސް، ހެރިޓޭޖް އެންޑް ކަލްޗާ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޔުމްނާ ވިދާޅުވީ ގދ. ތިނަދޫގައި ބަހައްޓަން ކަމަށް ބުނެ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ރޫޅާލި ކަޅުވަކަރު މިސްކިތުގެ ބައިތައް ހުރީ ގައުމީ ދާރުލްއާޘާރުގައިކަމަށެވެ. އަދި އެ މިސްކިތް އަލުން ރޭވުމުގެ ކުރިން ހިރިގަލަށާއި ވަކަރަށް ފަރުވާ ދޭން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކުރީގެ ސަލްޓަން ޕާކާ އިންވެގެން ހުރި އާސާރީ މިސްކިތެއް ކަމަށްވާ ކަޅުވަކަރު މިސްކިތް 2016 ވަނަ އަހަރުގެ އޮގަސްޓްމަހު ރޫޅާލައިގެން އެތަނުން ނެގީ ގދ. ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ހުރި ބިމުގައި އެ މިސްކިތް އަލުން ރާވައި ހުޅުވުމަށެވެ. ނަމަވެސް ދެ އަހަރު ވެގެން ދިޔައިރު އެ މިސްކިތް ތިނަދޫއަށް ގެންގޮސްފައި ނުވެއެވެ.
އެ މިސްކިތް އެންމެ ފުރަތަމަ ބަދަލު ކުރަން ނިންމީ، ހުޅުމާލޭގެ ދެވަނަ ފޭސްގައި ތަރައްގީ ކުރާ ހެރިޓޭޖް އައިލެންޑަށެވެ. އެކަމަކު ފަހުން އެ މިސްކިތް ތިނަދުއަށް ގެންގޮސް އެރަށުގައި ރާވާނެ ކަމަށް ސަރުކާރުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ހެރިޓެޖް ދާއިރާއިން ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި އެ މިސްކިތް ހޯދައި، 90 ދުވަސްތެރޭ އަލުން ރޭވުމަށް ވަނީ ނިންމާފައެވެ.