ޚަބަރު

ޕީއެސްއައިޕީގެ ގޮތުގައި ހުށައަޅާފައިވާ ބަޖެޓު ފާސްކޮށްފި


ސަރުކާރުން ހިންގާ ޕަބްލިކް ސަރވިސް އިންވެސްޓްމެންޓް ޕްރޮގްރާމު (ޕީއެސްއައޕީ) މަޝްރޫއުތަކަށް އަންނަ އަހަރަށް ލަފާކުރާ 6.6 ބިލިއަން ރުފިޔާގެ ބަޖެޓު ބައެއް އިސްލާހުތަކާއެކު ފާސްކުރުމަށް ރައްޔިތުން މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައި މިވަނީ ކޮމިޓީގައި ބައިވެރިވަޑައިގެންނެވި 15 މެންބަރުންގެ ތެރެއިން 13 މެންބަރުންގެ ވޯޓާއެކުއެވެ. މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބަހުސް މަރުހަލާގައި ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންވަނީ ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް އެއްކޮށް ނިންމުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށް، އެކަންކަން ނިންމުމަށް ބަޖެޓުގައި ހިމެނުމަށް އެދިފައެވެ.

ކޮމިޓީ މަރުހަލާގައި ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ޕީއެސްއައިޕީގެ ގޮތުގައި ހިމަނާފައިވާ ބަޖެޓު ހޯދުމަށްޓަކައި ބޭރު ޤައުމުތަކުގެ ހިލޭއެހީ ހޯދުމަކީ މުހިންމުކަމެއް ކަމަށާއި އަދި އެކަން ފަސޭހައިން ވާން އޮންނަނީ ކޮންމެ ވެރިކަމެއްގެވެސް ފުރަތަމަކޮޅު ކަމަށެވެ. އެހެންކަމުން މި ބަޖެޓަށް ހުރިހާ މެންބަރުންވެސް ވޯޓު ދެއްވުމަށް އަބްދުލްޤަފޫރު އެދިވަޑައިގަތެވެ.

އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި ކުރިއަށް ގެންދެވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވާފައިވާ ކަމަށެވެ.
މިއަދުގެ ބަޖެޓުގެ ބަހުސް މަރުހަލާގައި ވަނީ ފޮރިން މިނިސްޓްރީއަށް ކަނޑައަޅާފައިވާ 50 މިލިއަން ރުފިޔާގެ ބަޖެޓަށް އިތުރު 50 މިލިއަން އިތުރުކުރުމާ ގުޅޭގޮތުންވެސް ބަހުސްކޮށްފައެވެ. ނަމަވެސް މިކަމަކީ ފޮރިން މިނިސްޓްރީގެ ކޮން ކަމަކަށް އިތުރުކުރާ ފައިސާއެއްތޯ ބެލުމަށް މެންބަރުން ވަނީ ރިޔާސަތުގައި އެދިވަޑައިގެން ބަހުސް ކުރައްވާފައެވެ. އަދި އެކަން ސާފުކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކޮމިޓީއަށް ހާޒިރުކުރުމަށްވަނީ ނިންމާފައެވެ.

ޕީއެސްއައިޕީގެ ގޮތުގައި ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން ސާޅީސް އިންސައްތަ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތަކަށެވެ.