ވިޔަފާރި

ޑޯވް ބޭބީ އަދި އެސެޕްސޯ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެފި


މަޝްހޫރު ޑޯވް ބްރޭންޑުގެ ތުއްތު ކުދިންގެ ކޮސްމެޓިކްސްއާއި އެސެޕްސޯގެ އުފެއްދުންތައް ލިލީ އެންޓަޕްރައިސަސްއިން ރާއްޖޭގެ ބާޒާރަށް ތަޢާރަފުކޮށްފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑޯވް ބޭބީ އާއި އެސެޕްސޯގެ އުފެއްދުންތައް ލޯންޗުކޮށްދެއްވީ ލިލީ ގްރޫޕްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަސީރާއި، އެސްޑީއެލް ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ކޯ ވެންޑަރ މޫލަންގެ އިތުރުން ޔުނި ލިވާރ ކުންފުނީގެ ކަސްޓަމަރ ސަރވިސް ޑިރެކްޓަރު އާރް ކޭ ޗައުދަރީއެވެ.

ރާއްޖޭގެ ބާޒާރަށް ލިލީ ކުންފުނިން ތައާރަފްކުރި ޑޯވްގެ އުފެއްދުންތަކުގެ ތެރޭގައި ތުއްތު ކުދިންނަށް ޚާއްސަކޮށްފައިވާ ރީތިވާ ސާމާނުގެ 2 ވައްތަރެއް ހިމެނެއެވެ. އެއީ ޢާއްމުކޮށް ހުރިހާ ކުދިންނަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ރިޗް މޮއިސްޗަރގެ ރޭންޖުގެ ބާވަތްތަކާއި، ހަންގަނޑު ނާޒުކު އަދި އެލާރޖީ ހުންނަ ކުދިންނަށް ޚާއްސަ، ސެންސިޓިވް މޮއިސްޗަރ ރޭންޖުގެ ބާއްވަތްތަކެވެ.

ޑޯވް ބޭބީ ޕްރޮޑަކްޓާއި ބެހޭ ގޮތުން ލިލީ އެންޓަރޕްރައިސްގެ ބިޒްނަސް ޑެވެލޮޕްމެންޓް މެނޭޖަރ ޙުސެއިން ފައިސަލް ވިދާޅުވީ، ޑޯވް ބޭބީ ޕްރޮޑަކްޓްސްއަކީ މިވަގުތު މާރކެޓުގައި ހުރި އެންމެ ރަނގަޅު ކޮސްމެޓިކްސް ބާވްތަތްތަކުގެ ތެރޭގައި ހިމެނޭ ބްރޭންޑެއްކަމަށެވެ. އަދި ޑޯވް ބޭބީގެ ހުރިހާ ބާވަތެއްވެސް މިހާރު ބާޒާރުން ލިބެން ހުންނަ ތުއްތު ކުދިންގެ ބާވަތްތަކާއި އަޅާބަލާއިރު އަގު ހެޔޮ ވާނެކަން އޭނާ ފާހަގަކުރިއެވެ.

"ޑޯވް ބްރޭންޑަކީ ދިވެހިންގެ ތެރޭގައި މަޤްބޫލް، ބަލައިގެންފައިވާ ބްރޭންޑެއް... ޑޯވް ބޭބީގެ މިއުޅެނީ ސެންސިޓިވް ސްކިން ރޭންޖާއި އެކްސްޓްރާ ސެންސިޓިވް ރޭންޖް. އެބައުޅޭ ދެއްތޯ އުފެދުމުގައިވެސް ވަރަށް ބޮޑަށް ސްކިން ސެންސިޓިވް ކުދިން..މި ދެ ކެޓެގަރީއަށް ފެތޭ ގޮތަށް ޕްރޮޑަކްޓްތައް ތައްޔާރު ކުރެވިފައިވަނީ" ފައިސަލް ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ބާޒާރަށް ނެރުނު އެސެޕްސޯގެ އުފެއްދުންތަކަކީ އެންޓި ސެޕްޓިކް ނުވަތަ ޖަރާސީމް ނައްތާލާ ގޮތަށް އީޖާދު ކޮށްފައިވާ އުފެއްދުމެކެވެ.

ލިލީން ބުނީ ޑޯވް ބޭބީގެ އުފެއްދުންތަކާއި އެސެޕްސޯގެ އުފެއްދުންތައް ލިލީ އެންޓަޕްރައިޒަސްގެ ފިހާރަތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފިހާރަތަކުންވެސް ލިބެން ހުންނާނެކަމަށެވެ.