ޚަބަރު

ޖަލުތަކުގެ ޙާލަތާމެދު ކަންބޮޑުވާންޖެހޭ، އެކަން ހައްލުކުރާނަން - ހޯމްމިނިސްޓަރ


ޙުކްމް ތަންފީޒުކުރުމަށް ފަހު ޖަލުތަކުން ނުކުންނަ މީހުންނަކީ އިތުރަށް ނުރަނގަޅު ބަޔަކަށް ވެގެންހިގައިދާނެފަދަ ހާލަތަކަށް ރާއްޖޭގެ ޖަލުތަކުގައި ކަންކަން ގޮސްފައިވާކަމަށާއި، އެހެންނުވާނެ ގޮތަށް ޖަލުތަކުގެ ނިޒާމު ރަނގަޅުކުރައްވައި ހަރުދަނާ ކުރައްވާނެކަމަށް ހޯމްމިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ ޙުކުމް ތަންފީޒުކުރަން މީހުން ޖަލަށްލަނީ އެފަދަ މީހުން އިސްލާޙްކުރުމަށްކަމަށެވެ. ނަމަވެސް ރާއްޖޭގެ ޖަލުތަކުގައި ޤައިދީން އުޅެމުންދަނީ ހިތްދަތި އުނދަގޫ، އަދި އެމީހަކު ކުރި ކުށަށްވުރެ ބޮޑު ކުށްތަކަށް އަރައިގަނެވޭނެ ފަދަ މާހައުލެއްގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 2015 ވަނަ އަހަރު ކުރި ޙުކުމަކާގުޅިގެން ދާދި ފަހަކާޖެހެންދެން ޖަލުގައި ހުންނެވުމަށްފަހު މިނިވަންވެ މިހާރު ރާއްޖޭގެ ހޯމްމިނިސްޓަރުކަން ކުރައްވަމުންގެންދަވާ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވީ، އާދައިގެ ދިވެއްސަކު ޙުކުމެއް ތަންފީޒުކުރަން ޖަލަށްލައިފިނަމަ އޭނާ ޖަލުން ނުކުމެގެންދާއިރު އިތުރަށް ނުރަނގަޅު މީހެއްގެ ގޮތުގައި މުޖުތަމައަށް ނިކުތުމަކީ ޖަލުގެ ހާލަތު މިހާރު ހުރިގޮތުން ވަރަށް ޤާތްކަމެއްކަމަށެވެ. ޖަލުގައި ކުރެއްވި ތަޖްރިބާ ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ޖަލުތަކުގެ އިންތިޒާމްތައް ހުންނަގޮތުން ނުރަނގަޅު ޢަމަލުތަކެއް އެތަނުގައި ހިންގަމުންދާކަމަށެވެ.

"އަޅުގަނޑު ޖަލުގެއެތެރޭގައި އޮތްއިރުވެސް އަދި ބޭރަށް އައިފަހުންވެސް ކިތަންމެ ފަހަރަކު ހިތަށްއަރާ، އަޅުގަނޑަކީ އާދައިގެ ދިވެއްސެއްނަމަ، އަޅުގަނޑު އުޅެފައިއައި ބައެއް ތަންތަނުގައި ހިނގާދިޔަ ކަންތައްތަކަށް ބަލާފައި، ހަމަ ރަނގަޅަށް މިހެން ސަލާމަތުންހުރެ ޖަލަށްވަތް އާދައިގެ މީހެއްނަމަ އަޅުގަނޑު ފަހަރެއްގައި ޖަލުން ނިކުމެދާނޭ ޑްރަގް ނަގާ މީހަކަށްވެގެން. ކީއްވެގެންތޯ؟ އެތަނުގެ އެދަތި އުނދަގޫ، ހިތްދަތި ހާލަތުގައި ހުންނައިރުގައި ވަށައިގެންތިބޭ އެންމެން އެ މުޢާމަލާތްކުރާ ގޮތްތައް ފެނިފައި އެމީހުން އެބޭނުންކުރާ އެއްޗިއްސާ އޭގެ ސަބަބުން އެއަންނަކަންތަކާ ދެން އެމީހުންނަށް އެގެންނަނީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ނުވަތަ މަޑުމައިތިރިކަމެއް"

މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ޖަލުތަކުގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާ ގޮތާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހޯމް މިނިސްޓަރުކަމާއި އެމަނިކުފާނު ހަވާލުވެވަޑައިގަތީ ޤައުމާއި ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވުމަށްކަމަށާއި، އެމަނިކުފާނުގެ ވަޒީރުކަމުގައި ޖަލުތަކުގެ ހިންގުމާއި، އިންތިޒާމްތައް ހަރުދަނާކުރުމަށް މަސައްކަތްކުރެއްވުމަށްކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ޖަލުތަކުގެ ކަންކަން ރަނގަޅުކުރުމައް ކުރަންޖެހޭނީ ބުރަ އަދި މުހިއްމު މަސައްކަތްތަކެއްކަމަށާއި، އެކަންކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރިއަށްގެންގޮސް ޖަލުން ނުކުންނަ މީހުންނަކީ ރަނގަޅު ހެޔޮލަފާ ބަޔަކަށް ހެދޭނެ އިންތިޒާމްތައް ހަމަޖައްސަވާނެކަމަށެވެ.

"ސެކިއުރިޓީ ބައިވަރު މައްސަލތަކާއި، މުވައްޒަފުންނަށް މުޢާމަލާތް ކުރެވޭގޮތާއި، އެމީހުންގެ ޗުއްޓީއާ މިކަހަލަ ބައިވަރު ބައިވަރުކަންތައްތަކެއް މީގެ ވަށައިގެން އެބަހުރި. އެހެންވީމަ މިހުރިހާކަމެއް ގުޅިލާމެހިގެން ގޮސް އަޅުގަނޑުމެންނަށް މުޅި އެތެރޭގެ ސިސްޓަމް ވަރުގަދަކޮށް އެތާގެ އެތެރެއަކީ، ބޮޑު އަދަބެއްގެ ގޮތުގައި ކަންތައްތަކެއް ވާންވީ ކަމެއް ނޫން. އެތަނަށް ވަތްއިރަށްވުރެ ރަނގަޅު މީހެއްގެ ގޮތުގައި އެތަނަށް ވައްދާ މީހުން ނެރެވޭނެ މެކޭނިޒަމެއް އަޅުގަނޑުމެން ޤާއިމްކުރަން ޖެހޭ"

އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ ޖަލުތަކުގެ ކަންކަން ރަނގަޅުކޮށް އެދެވޭ ނަތީޖާ ނެރުމަށްޓަކައި ބައެއް ޤާނޫނުތަކަށްވެސް ބަދަލުގެންނަން ޖެހޭކަމަށެވެ. އަދި ކަމާއި ގުޅުންހުރި ގިނަ ޤަވާއިދުތަކެއް އިސްލާޙްކޮށް، މުވައްޒަފުންތަމްރީނުކުރުމުގެ މަސައްކަތްތައްވެސް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަންކަން ކުރެވޭނީ ކަންކުރަންތިބޭ ބައެއްގެ އިޚްލާސްތެރި ޚިދުމަތްތެރި ހިތްވަރުހުރި މަސައްކަތުންކަމަށާއި، އަދުގެ ސަރުކާރަށް މިކަންކަން ރަނގަޅުކުރުމަށް އުންމީދީ މަސައްކަތްތަކެއް ކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ހޯމްމިނިސްޓަރ ވަނީ ވިދާޅުވެފައެވެ.