ޚަބަރު

ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ދެމިތިބުން މުހިއްމު - ޑިފެންސް މިނިސްޓަރ


ދިވެހި ރާއްޖޭއިން އިސްނަގައިގެން މިސަރަހައްދުގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަވައްޓެރި އިންޑިއާ އާއި ސްރީލަންކާ އާއެކު 2011 ވަނަ އަހަރު ފެށި މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދިއުން މުހިއްމުކަމަށާ، މިކަމުގައި ރާއީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލިބިގެންދާނެކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ދެއްވައިފިއެވެ.

މިކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރ ދެއްވާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑާ އިންޑިއާއާއި ސްރީލަންކާގެ ކޯސްޓްގާޑް ގުޅިގެން ހިންގާ "ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ 14" ފެށުމުގެ ގޮތުން އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ޤައުމަކަށްވުމާއެކު، ރާއްޖޭގެ އިގްތިސާދުގެ މުހިންމު ދެސިނާއަތްކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމުގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވިފައި އޮތުމަކީ މުހިއްމުކަމެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިސްނެގުމާއެކު އެންމެ އަވައްޓެރި ދެޤައުމާގުޅިގެން ސަރަޙައްދުގެ ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަށާފައިވާ މަސައްކަތް އެމަސައްކަތުގެ އަމާޒާހަމައަށް ވާސިލުވަންދެން ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަކީ، ރާއްޖޭގެ އިތުރުން އަވައްޓެރި އިންޑިއާ އާއި ސްރީލަންކާއަށްވެސް މުހިއްމުކަމެއްކަމަށެވެ. ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި 3 ޤައުމުގެ ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ އޮޕަރޭޝަން ދޯސްތީއަކީ މިކަމުގައި މުހިއްމު ދައުރެއް އަދާކުރާ ތަމްރީނުތަކެއްކަން ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާ ކޯސްޓްގާޑްގެ ޑިރެކްޓަރ ޖެނަރަލް ރަޖޭންދްރަ ސިންގ އާއި ސްރީލަންކާގެ ކޯސްޓްގާޑްގެ ޑިރެކްޓަރޖެނަރަލް ވިމެރަތުންގަ ވަނީ އެކްސަސައިޒް ދޯސްތީ މުހިއްމުކްން ފާހަގަކުރައްވައި މިތަމްރީނަކީވެސް ކާމިޔާބު ތަމްރީނަކަށް ވެގެންދާނެކަމަށް އުންމީދުކުރާކަމުގައި ވިދާޅުވެފައެވެ.

މިއަދާއި މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ ދޯސްތީ އެކްސަސައިޒްއަކީ ރާއްޖެއާ އިންޑިއާ އަދި ސްރީލަންކާގެ މެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރުށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ޤައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދަސްކުރުމުގެ މަގްސަދުގައި ބާއްވާ އެކްސަސައިޒެކެވެ. މި އެކްސަސައިޒްގެ ޢަމަލީ ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ މާލެއާއި މާލެ ކައިރި ކަނޑުގެ ސަރަހައްދުގައެވެ.

މިފަހަރުގެ އެކްސަސައިޒްގައި އިންޑިއާ ކޯސްޓްގާޑުގެ ދެ މަނަވަރާއި ސްރީލަންކާ ކޯސްޓްގާޑުގެ މަނަވަރެއް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. އެކްސަސައިޒް ދޯސްތީ އަކީ 1991ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފަށާފައިވާ އެކްސަސައިޒެކެވެ. މި އެކްސަސައިޒްގައި ސްރީލަންކާ ބައިވެރިވެފައިވަނީ 2012ވަނަ އަހަރުން ފެށިގެން. މި އެކްސަސައިޒް އެންމެ ފަހުން ބާއްވާފައިވަނީ 2016ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.